އެޕަލްގެ ސްމާޓްފޯނުތަކުގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް އައިއޯއެސް 16 އާންމުންނަށް ރިލީޒްކޮށްފި އެވެ.
ޑިޒައިނަށް ބޮޑެތި ބަދަލުތަކާ އެކު އައިއޯއެސްގެ ފަހުގެ އަޕްޑޭޓް ދައްކާލީ މިއަހަރުގެ މެދު ތެރޭގަ އެވެ. އެއަށް ފަހު ބީޓާ ޓެސްޓަރުންނާ އެކު ތަފާތު އަޕްޑޭޓްތައް އެޕަލް އިން ދައްކާލާފައި ވެ އެވެ. ނަމަވެސް މިއީ ހުރިހާ އެންމެނަށް ލިބޭ އަޕްޑޭޓެއް ނޫނެވެ.
އައިއޯއެސް 16 އާންމުކޮށް ދޫކޮށްލީ ރޭގަ އެވެ. އައިއޯއެސްގެ ހާއްސަ ކަމަކީ އެއް ދުވަހެއްގައި ގިނަ އައިފޯނުތަކަށް އެއް އަޕްޑޭޓެއް އައުމެވެ.
އައިއޯއެސް 16 އާ އެކު ތަފާތު އެކި ކަހަލަ ފީޗާތައް ލިބެ އެވެ. އޭގެތެރޭގައި ލޮކްސްކްރީނަށް ބޮޑެތި ބަދަލުތައް ގެނައުމާއި އައިމެސެޖްތައް އެހެން މީހުންނަށް ނުފެންނަ ގޮތަށް ޑިލީޓްކޮށް އަދި އެޑިޓް ކުރުން ހިމެނެ އެވެ.
އައިފޯން ސީރީޒް 8 އިން ފެށިގެން މަތީ ހުރިހާ އައިފޯނަކަށް މިހާރު އަޕްޑޭޓް ލިބޭނެ އެވެ. މި އަޕްޑޭޓަކީ 3.1 ޖީބީގެ ބޮޑު އަޕްޑޭޓެކެވެ. މި އަޕްޑޭޓް ނެރެފައިވަނީ އެޕަލްގެ އާ އައިފޯން، އައިފޯން 14 ނެރެން ތައްޔާރުވެފައި ވަނިކޮށެވެ. އެޕަލް އިން މިއަންނަ ހުކުރު ދުވަހުން ފެށިގެން އާ އައިފޯނު ވިއްކަން ފަށާނެ އެވެ.