ސިމް ބަދަލުނުކޮށް ދެ އައިފޯނުގައި އެއް ފޯނު ނަންބަރެއް ބޭނުންކުރެވޭ ފީޗާއެއް އައިއޯއެސް 27 އާ އެކު ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ. 

އައިއޯއެސް 27 ބީޓާ އަށް ދޫކޮށްލާފައި އޮތް ނަމަވެސް، ރަސްމީކޮށް އާންމުކުރުމުގެ ކުރިން "ސިއްރުން" ގެނައި ކުދި ބަދަލުތަކުގެ ތެރޭގައި މި ފީޗާ ހިމެނެ އެވެ. މިކަމާ ބެހޭ ގޮތުން އަލަށް ތިލަވި މައުލޫމާތު މި ފީޗާ މަސައްކަތްކުރާނެ ގޮތުގެ ތަފްސީލްތައް ވަނީ ލިބިފަ އެވެ. 

މެނުއަލްކޮށް އެއް އައިފޯނުން އަނެއް އައިފޯނަށް އީ-ސިމް ނުވަތަ ފިޒިކަލް ސިމް ބަދަލުކުރަންޖެހުން ނިމުމަކަށް ގެނައުމަށް "އައިފޯން ހޭންޑްއޮފް" ފަރުމާކޮށްފައިވަނީ ޕްރައިމަރީ ފޯނުގެ ނަންބަރު ސެކަންޑަރީ ފޯނެއްގައި ބޭނުންކުރެވޭ ގޮތަށް ކަމަށް ބެލެވެ އެވެ. އެންމެ އާންމުކޮށް ބޭނުންކުރާ އައިފޯނު މައި ފޯނު ނުވަތަ ޕްރައިމަރީ ފޯނުގެ ގޮތުގައި އިހްތިޔާރުކުރެވޭނެ އެވެ. އެއީ އީ-ސިމް އިންސްޓޯލްވެފައިވާ ފޯނެވެ.  އަދި ދެވަނަ އައިފޯނުގައި އިންސްޓޯލްވާނީ އޭގެ "ކޮމްޕޭނިއަން" އީ-ސިމް އެވެ. 

މި ސެޓިން ހެދުމުން، ޕްރައިމަރީ ފޯނުގެ ނަންބަރު އަނެއް ފޯނުގައި ބޭނުންކުރެވޭނެ އެވެ. ފޯނު ސްވިޗްކޮށްލުމުން ޕްރައިމަރީ ފޯނަށް ލިބޭ ކޯލްތަކާއި ސެލިއުލާ ހިދުމަތްތައް ސެކަންޑަރީ ފޯނަށް ލިބޭ ގޮތް ވާނެ އެވެ. 

"މެކްރޫމާސް" އިން ބުނެފައިވާ ގޮތުގައި، އެކްސްކޯޑް 27 ގެ ޑިވައިސް ހަބް މެދުވެރިކޮށް، ސިމިއުލޭޓްކޮށްފައިވާ ދެ އައިފޯނު ބޭނުންކޮށްގެން މި ފީޗާ މަސައްކަތްކުރާ ގޮތުގެ ޑެމޯއެއް ވަނީ ފެނިފަ އެވެ. މި ފީޗާ ސެޓްއަޕް ކުރެވޭނީ ސެޓިންގްސް އެޕްގެ ސެލިއުލާ ބައިންނެވެ. އެތަނުން ޕްރައިމަރީ ފޯނާއި ކޮމްޕޭނިއަން ފޯނު ކަނޑައެޅޭނެ އެވެ.  

އެކަމަކު މި ހިދުމަތް ލިބޭނީ މޯބައިލް ފޯނުގެ ހިދުމަތްދޭ ކުންފުނިން އެ ފީޗާއަށް ފުރުސަތު ދޭ ނަމަ އެވެ.  މާނައަކީ، އައިއޯއެސް 27 ނެރޭއިރު ކޮންމެ ނެޓްވޯކަކުން އަދި ކޮންމެ ގައުމަކުން މި ފީޗާ ލިބެން ނުހުރުމެވެ. މި ފީޗާއަށް އެންމެ ފުރަތަމަ އެއްބާރުލުން ދޭނެ ކެރިއަރުންގެ ތެރޭގައި އެމެރިކާގެ ޓީ-މޯބައިލް އާއި ޖަރުމަނުގެ ޑޮއިޗެ ޓެލެކޮމް ހިމެނޭކަމަށް ވާހަކަ ދެކެވުނު ނަމަވެސް އަދި އެ ތަފްސީލްތަކެއް ނުލިބެ އެވެ. 

މި މަހުގެ ނުވަ ވަނަ ދުވަހު އެޕަލްގެ އާ ފޯނުތަކާއި އެހެން އުފެއްދުންތައް ދައްކާލާނެ އެވެ. އަދި އޭގެ ފަހުން މި މަހުގެ ފަހުކޮޅު އައިއޯއެސް 27 ވެސް ރަސްމީކޮށް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.