ވޮޝިންޓަން (އެޕްރީލް 27) - އޯވަބުކްވެފައިވާ ފްލައިޓެއް ނަމަ އަމިއްލަ ރުހުމުގައި ސީޓް ދޫކޮށްލަން އެއްބަސްވާ ޕަސިންޖަރުންނަށް 10،000 ޑޮލަރު ދިނުމަށް އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް އިން ނިންމައިފި އެވެ.

އެއާލައިނުން މި ގޮތަށް ނިންމީ އޯވަބުކްވެފައިވާ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓަކުން މި މަހު ކުރީކޮޅު ފައިބަން އެންގި ފަސިންޖަރުންގެ ތެރޭގައި ހިމެނުނު މީހަކު ދެކޮޅު ހެދުމުން އޭނާ ގަދަބާރުން ބޯޓުން ބޭލި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެމެރިކާގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށްވާ ޑޭވިޑް ޑާއޯ ގަދަބާރުން ބޯޓުން ބޭލުމުގެ ތެރޭގައި އޭނާ އަށް އަނިޔާވެ ދެ ދަތް ވަނީ ބިނދިފަ އެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން އެއާލައިނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ގަދަމުން ޕަސިންޖަރަކު ބޭލި ހާދިސާއާ ގުޅިގެން އެއާލައިނުން ދަނީ އިމޭޖް ރަނގަޅު ކުރުމަށް ވަރަށް ގިނަ ކަންތައް ކުރަމުންނެވެ. އޭގެ ތެރޭގައި ޕަސިންޖަރު ބޭލި ފްލައިޓުން ދަތުރުކުރި އެންމެންނަށް ޓިކެޓް ރިފެންޑް ދިނުން ހިމެނެ އެވެ. އަދި ޕަސިންޖަރަކު ބޯޓުން ބޭލުމަށް މީގެ ފަހުން ސެކިއުރިޓީ އޮފިސަރުންގެ އެހީ ނުހޯދުން ހިމެނެ އެވެ. އަދި ބޯޓު ފުރުމުގެ އެއްގަޑިއިރު ކުރިން ކްރޫންގެ ޖާގަ ޔަގީން ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.