ވޮޝިންޓަން (އެޕްރީލް 28) - ޝިކާގޯ އިން މި މަހު ކުރީކޮޅު ފުރަން އޮތް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް އޯވާބުކްވެފައި ވުމުން ގަދަކަމުން ބޯޓުން ބޭލި ޕަސިންޖަރަށް އެއާލައިނުން މާލީ ގޮތުން ބަދަލު ދީފި އެވެ.
ކެންޓަކީގައި މަސައްކަތް ކުރާ އުމުރުން 69 އަހަރުގެ އޭޝިއާ ދަރިކޮޅުގެ ޑޮކްޓަރު ޑޭވިޑް ޑާއޯ ބޯޓުން ބޭލުމުގެ ތެރޭގައި އޭނާ އަށް ވަރަށް ބޮޑަށް އަނިޔާވެ ދެ ދަތް ބިނދިފައިވެ އެވެ. ޑޮކްޓަރުގެ ވަކީލް ބުނީ އެއާލައިނުން ދޭން އެއްބަސްވި ފައިސާގެ އަދަަދު ހާމަކުރެވެން ނެތް ކަމަށެވެ.
ޑޮކްޓަރު ގަދަކަމުން ބާލާ ވީޑީއޯ ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން އެއާލައިނަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. ޑޮކްޓަރު ގަދަމުން ބޯޓުން ބޭލީ އެއާލައިނުގެ ސްޓާފުންނަށް ޖާގަ ދިނުމަށެވެ. ބޯޓުން ފައިބަން ޑޮކްޓަރު ދެކޮޅު ހެދީ ޖެހިގެން އަންނަ ދުވަހު ކެންޓަކީގައި އޭނާ ބަލި މީހުން ބަލަން ޖެހޭތީ އެވެ.
މި ހާދިސާ އަށް ފަހު އެއާލައިނުގެ ބައެއް ސިޔާސަތުތައް ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި އޯވަބުކްވެފައިވާ ފްލައިޓަކުން ރުހުމުގައި ފައިބާ ޕަސިންޖަރުންނަށް 10،000 ޑޮލަރު ދިނުމާއި އެއާލައިނުގެ ސްޓާފުން ވެސް އެއްގަޑިއިރު ކުރިން ބުކިން ކަށަވަރު ކުރުން ހިމެނެ އެވެ. އަދި ޑޮކްޓަރު ބޭލި ފްލައިޓުން ދަތުރު ކުރި އެންމެންނަށް ޓިކެޓް ރިފަންޑް ދޭން ވަނީ ނިންމައިފަ އެވެ.