އަފްގާނިސްތާނުން މީހުން ބޭރުކުރުމަށް އެމެރިކާ ސިފައިން މިހާރު ހިންގަމުންދާ ހަރަކާތުގައި، އެމެރިކާގެ ބައެއް އެއާލައިންތަކުގެ މަދަނީ މަތިންދާބޯޓުތައް ބޭނުން ކުރަން ފަށައިފި އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި، 60 ފްލައިޓެއްގައި އަފްގާނިސްތާނުން ގާތްގަނޑަކަށް 8،000 މީހުން ބޭރަށް ގެންދެވިއްޖެ އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުގައި އަފްގާނިސްތާނުން މީހުން ބޭރަށް ގެންދިއުމުގައި، މަދަނީ ފަސް އެއާލައިނެއްގެ 18 މަތިންދާބޯޓެއް މިހާރު އެބަ ބޭނުންކުރެ އެވެ. އެއީ އެޓްލަސް އެއާގެ ތިން ބޯޓަކާއި ޑެލްޓާ އެއާލައިންގެ ތިން ބޯޓަކާއި އެމެރިކަން އެއާލައިންގެ ތިން ބޯޓަކާއި އޮމްނި އެއާގެ ތިން ބޯޓެއްގެ އިތުރުން، ޔުނައިޓެޑް އެއާލައިންސްގެ ހަތަރު ބޯޓަކާއި ހަވާއިއަން އެއާލައިންގެ ދެ ބޯޓެކެވެ.
އެ މަތިންދާބޯޓުތަކުގެ މަސައްކަތަކީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގައި އަފްގާނިސްތާނުން ބޭރަށް ގެންދާ މީހުން އެހެން ގައުމަކަށް ބޭލުމުން، އެ ގައުމުން އެމެރިކާ އަށް މީހުން އުފުލުމަށެވެ. އެހެންކަމުން، އެއިން އެއްވެސް މަތިންދާބޯޓެއް އަފްގާނިސްތާނުގެ ވައިގެ ސަރަހައްދަށް ނުވަންނާނެ އެވެ.
މަދަނީ މަތިންދާބޯޓުތަކުގެ ދަތުރުތައް އެ ގޮތަށް އިންތިޒާމުކޮށްފައިވަނީ، އެއިން ބޯޓަކަށް ތާލިބާނުން، ނުވަތަ ހަނގުރާމަވެރި އެހެން ޖަމާއަތަކުން ހަމަލާ ދީފާނެ ކަމަށް ބަލައިފަ އެވެ. ސަބަބަކީ، އެމެރިކާ ސަރުކާރާއި ތާލިބާނުންނާ ދެމެދުގައި އެއްބަސްވެފައި އޮތީ، އަފްގާނިސްތާނުން މީހުން ބޭރަށް ގެންދިއުމުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކުރާ ގޮތަށެވެ. އެހެންކަމުން އެނޫން ބޯޓެއް އަފްގާނިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހަމަލާއެއް ދިނުމުގެ ނުރައްކާ އެބަ އޮތެވެ.
އެމެރިކާ އާއި ނޭޓޯގެ ސިފައިންނާ އެކު، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ، އަފްގާނިސްތާނުގެ އެތައް ހާސް ބަޔަކު މިހާރު ވެސް ކާބުލްގެ ވައިގެ ބަނދަރު ސަރަހައްދަށް ޖަމާވެފައި އެބަ ތިއްބެވެ. މިދިޔަ ދެ ދުވަހުގެ ތެރޭގައި ކާބުލް ވައިގެ ބަނދަރަށް ވަންނަން އުޅުނު މީހުން، ވައިގެ ބަނދަރުގެ މައި ދޮރޯށި ދޮށަށް ތޮއްޖެހުމުގެ ސަބަބުން ފިތި ބާރުވެގެން 20 މީހުން މަރުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަފްގާނިސްތާނުން ބޭރަށް ގެންދަން ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ނުގެންދެވި ތިބުމާ ގުޅިގެން، އޮގަސްޓް 31ގެ ފަހުން ވެސް އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބުމަށް އިނގިރޭސި ވިލާތުން ވަނީ ގޮވާލައިފަ އެވެ. އަފްގާނިސްތާނުން މީހުން ބޭލުމުގެ މަސައްކަތް އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުގެ ސިފައިން ކުރަމުން ދަނީ، އެމެރިކާ ސިފައިންގެ ބާރުގެ ދަށުގައި ކާބުލްގެ ވައިގެ ބަނދަރު ބާއްވައިގެންނެވެ.
އަފްގާނިސްތާނުން މީހުން ބޭލުމާ ގުޅޭ ގޮތުން، ޖީ-7ގެ ގައުމުތަކުގެ އިސް ވެރިންގެ ބައްދަލުވުމެއް މާދަމާ ބާއްވާނެ އެވެ. މި ބައްދަލުވުމުގައި، އެމެރިކާ ސިފައިން އިތުރު މުއްދަތަކަށް އަފްގާނިސްތާނުގައި ބޭތިއްބުމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަރިހުން އެދިވަޑައިގަންނަވާނެ އެވެ.
އަފްގާނިސްތާނުން މީހުން ބޭލުމަށްޓަކައި، ކާބުލްގެ ވައިގެ ބަނދަރުގައި އެމެރިކާ ސިފައިންގެ 4،000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ހަރަކާތްތެރިވަމުން ދެ އެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުގެ ވެސް 1،000 އަށް ވުރެ ގިނަ ސިފައިން ކާބުލްގެ ވައިގެ ބަނދަރުގައި އެބަ ތިއްބެވެ.