އެމެރިކާގެ ރައީސުންނާ ގުޅޭ ހާއްސަ ކުއިޒެއް މާދަމާ ރޭ ބާއްވަން އެމެރިކަން ސެންޓާ އޮފް މޯލްޑިވްސް (އޭސީއެމް) އިން ނިންމައިފި އެވެ.
މާދަމާ އަކީ އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އުފަންދުވަހެވެ. އެ ދުވަސް އެމެރިކާގައި ފާހަގަކުރަނީ "ޕްރެޒިޑެންޓްސް ޑޭ"ގެ ގޮތުގަ އެވެ.
އެމެރިކަން ސެންޓަރުގައި މާދަމާ ރޭ 8:00 އިން 9:00 އަށް ބާއްވާ "ޓްރިވިއާ ޓައިމް" ކުއިޒުން މޮޅުވާ ފަރާތަކަށް ހާއްސަ އިނާމެއް ދޭނެ ކަމަށް ސްރީލަންކާގައި ހުންނަ ޔޫއެސް އެމްބަސީގެ ޕަބްލިކް އެފައާޒް ސްޕެޝަލިސްޓް އައިމިނަތު ޝިޒްލީން ވިދާޅުވި އެވެ. އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުން ނަމަ އެ މީހެއްގެ ފުރިހަމަ ނަމާ އެކު "ޓީޓީ" ޖެހުމަށް ފަހު 7957331 އަށް މެސެޖެއް ކުރަން ޖެހެ އެވެ.
މި ކުއިޒުގައި ބައިވެރި ކުރަން ކަނޑައަޅާފައި ވަނީ 60 މީހުން ކަމަށް ވާތީ، ޖާގަ ހަމަވަންދެން ނަން ނޯޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖާގަ ލިބިއްޖެ ކަން އެތަނުން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖާގަ ހުސްވަން ދެން އަޅުގަނޑުމެން ނަން ނޯޓު ކުރާނަން. މާދަމާ ހަވީރު ފަހެއް ޖަހަންދެން މެސެޖު ބަލައިގަންނާނަން،" ޝިޒްލީން ވިދާޅުވި އެވެ.