ކޮލަމްބޯ (ޖުލައި 12) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި 155 މިލިއަން ޑޮލަރުގެ އާ އެމްބަސީ ކޮމްޕްލެކްސް އެޅުމަށް ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފި އެވެ.

މޫދު ފެންނަ ގޮތަށް ހަ އޭކަރުގެ ސަރަހައްދުގައި ހަދާ އެމްބަސީ އެޅުމުގެ ކޮންޓްރެކްޓް ސްޓޭޓް ޑިޕާޓްމަންޓުން ހަވާލުކޮށްފައި ވަނީ އަލަބާމާގެ ކުންފުންޏެއް ކަމަށްވާ ކެޑެލް ކޮންސްޓްރަކްޝަން ކޮމްޕެނީއަށެވެ. އެމްބަސީ ކޮމްޕްލެސް ހަދަނީ އާ އޮފީސް ބިލްޑިން އަކާއި ޔޫއެސް މެރިން ރެސިޑެންސް، މެއިންޓެނެންސް ބިލްޑިން، ޔުޓިލިޓީ ބިލްޑިން އަދި ވެއާހައުސް އަކާއި އެކްސެސް ކޮންޓްރޯލް ފެސިލިޓީޒް ވެސް ހިމެނޭ ގޮތަށެވެ. އާ އެމްބަސީ ހަދަނީ މިހާރު ހުރި އެމްބަސީއާ ޖެހިގެންނެވެ.

މި ޕްރޮޖެކްޓް އެވޯޑްކޮށްފައި ވަނީ 48 މަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

މިއީ 2000 ވަނަ އަހަރުގެ ފަހުން ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އޯވަސީސް ބިލްޑިން އޮޕަރޭޝަންސް އިން ކެޑެލް އަށް ހަވާލުކުރި 26 ވަނަ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްތަކުގެ އަގަށް 2.9 ބިލިއަން ޑޮލަރު އަރަ އެވެ.