އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ، އީރާނުގެ 11 ތެޔޮ ޓޭންކަރެއް ސްރީ ލަންކާގެ ދެކުނު އައްސޭރިފަށުގެ ބޭރުގައި އެބަ އުޅޭ ކަމަށާއި އެ އުޅަނދުތަކުގެ ހަރަކާތްތައް އެ ގައުމުގެ މެރިޓައިމް އެޖެންސީތަކުން ވަރަށް ގާތުން މޮނީޓަރުކުރަމުން އަންނަ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ބްލޮކޭޑެއް ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުމާ ގުޅިގެން، މި އުޅަނދުތަކަށް ވަނީ އެނބުރި އީރާނަށް ދެވޭނެ ގޮތެއް ނެތިފަ އެވެ.
މި އުޅަނދުތައް ފެނިފައިވަނީ ގޯލްގެ ބަނދަރާ ކައިރިންނެވެ. އެއީ މިދިޔަ މާޗު މަހު އެމެރިކާގެ ސަބްމެރީނަކުން ހަމަލާދީ އިރާނުގެ ބޯޓެއް ކަމަށްވާ "އައިއާރްއައިއެސް ދެނާ" ފައްތާލި ސަރަހައްދެވެ. އެ ހާދިސާގައި 104 ފަޅުވެރިން މަރުވި އިރު، ސްރީ ލަންކާގެ ނޭވީން ވަނީ އެ އުޅަނދުން އީރާންގެ 32 ފަޅުވެރިއަކު ސަލާމަތްކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ސަރަހައްދީ އިމުގެ 12 ނޯޓިކަލް މޭލު ބޭރުގައިވާ އީރާނުގެ މި އުޅަނދުތައް މޮނީޓަރުކުރުމަށްޓަކައި މަތިންދާބޯޓާއި ޕެޓްރޯލް ބޯޓުތައް ވަނީ ފޮނުވާފައި،" ނަން ހާމަނުކުރުމަށް އެދި އަސްކަރީ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
މި އުޅަނދުތަކުން ސްރީ ލަންކާގެ ސަރަހައްދަށް ވަނުމުގެ ހުއްދައަށް އެދިފައެއް ނުވެ އެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި މިނިވަންކަމާ އެކު ދަތުރުފަތުރުކުރުމުގެ ހައްގު އެ އުޅަނދުތަކަށް ލިބިގެންވެ އެވެ.
"އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކުރުން ނުވަތަ ތަޣައްޔަރުވެފައިވާ އެއްވެސް މާއްދާއެއް ގާނޫނާ ހިލާފަށް ބޭރުކުރުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން، ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން އެ އުޅަނދުތަކާ މެދު ފިޔަވަޅެއް އަޅާނެ ގާނޫނީ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފަހު އިރާނުގެ ގިނަ ވިޔަފާރި އުޅަނދުތަކެއް އިރުމައްޗަށް، މަލާކާ ކަނޑުއޮޅި އާއި ސިންގަޕޫރާ ދިމާލަށް މިސްރާބު ޖަހާފައި ވާއިރު، ބައެއް އުޅަނދުތައް ވަނީ ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދު ކައިރީގައި މަޑުކޮށްފަ އެވެ.
ސްރީލަންކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅާފައިވާ އިރާނުގެ އުޅަނދުތަކާ ބެހޭގޮތުން އެމެރިކާއިން ރަސްމީކޮށް ލަންކާއަށް އެއްވެސް ކަމެއް އަންގާފައެއް ނުވެ އެވެ. -- އޭއެފްޕީ