އިންޑިއާގައި ތައުލީމް ހާސިލްކުރަމުން އަންނަ ނައިޖީރިޔާގެ ދަރިވަރުންތަކަށް ދިން ހަމަލާގެ "މިނިވަން ތަހުގީގެއް" ހިންގާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު އިއްޔެ ދެއްވައިފި އެވެ.
މި މައްސަލަ ކުރިމަތިވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން އިންޑިއާގެ ޒުވާނަކު މަރުވުމުން، އޭގެ ޒިންމާ އެފްރިކާގެ ދަރިވަރުންގެ ބޮލުގައި އެޅުވުމުންނެވެ. މަރުވި ޒުވާން ފިރިހެންމީހާގެ މައިންބަފައިން ބުނާ ގޮތުގައި އޭނާ އަށް މަސްތުވާތަކެތި ދިނީ އެފްރިކާގެ ދަރިވަރުންތަކެކެވެ.
މިދިއަ ހޯމަދުވަހު ނައިޖީރިޔާގެ ފަސް ދަރިވަރެއްގެ ގައިގައި ގްރޫޕަކުން ތަޅައިގެން އިރު، ދިއްލީއާ ކައިރީ ސަރަހައްދެއްގައި ހުންނަ މަޝްހޫރު ޝޮޕިން ސެންޓަރެއްގައި އެކަކަށް ވަނީ ހަމަލާދީފަ އެވެ. އެ މަންޒަރު ބަޔަކު ވީޑިއޯކޮށް ސޯޝަލް މީޑިއާ އަށް ލުމުން، އިންޑިއާގެ ވަރަށް ގިނަ ބަޔަކު ގެންދަނީ އަނިޔާވެރިކަން ކުށްވެރިކޮށް، ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ފުލުހުން ބުނާ ގޮތުގައި އެ ހަމަލާތަކާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ސުވަރާޖު ވިދާޅުވީ އުއްތަރަ ޕްރެދޭޝްގެ ވެރިންނާ އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި ވަކި ކޮޅަކަށް ނުޖެހޭ އަދި މިނިވަން ތަހުގީގެއް ހިންގާނެކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވާފައިވާ ކަމަށެވެ.
ޝޮޕިން މޯލްގައި ތަޅައިގަތުމުން ޒަހަމްވި ދަރިވަރު އިންޑިއާގެ މީޑިއާ އަށް ބުނީ އޭނާ އަށް ހަމަލާދޭން ދަގަނޑު ހޮޅި އާއި ވަޅި އާއި ގާ ވެސް ބޭނުންކުރި ކަމަށެވެ. އަދި އޭނާ އަށް އެހީވާނެ އެއްވެސް މީހަކު ނުވި ކަމަށާއި އެންމެ ކުޑަވެގެން ފުލުހުންނަށް ވެސް ގުޅާނެ މީހަކު އެތަނުގައި ނެތް ކަމަށް ބުންޏެވެ.
ނައިޖީިރިޔާގެ އެހެން ދަރިވަރަކު ބުނީ އެ ގައުމުގެ ދަރިވަރުންނަށް މިހާރުގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ.
"އެންމެން ވެސް ތިބީ ގޭތެރޭގައި. ދަރިވަރުން ތިބޭ ގޭގޭގެ މީހުން އެބަ އަންގާ އެތަންތަން ހުސްކުރަން، މިއީ ވަރަށް ބޮޑު މައްސަލައެއް،" އަލްކަބާ ސޮލަމަން ބުންޏެވެ.
އިންޑިއާގައި ތައުލީމް ހާސިލްކުރާ އެފްރިކާ ދަރިވަރުން ތަމްސީލްކުރާ އެސޯސިއޭޝަނުން މިހާރު އެދިފައި ވަނީ މި ދުވަސްވަރު ގެއިން ބޭރަށް ނުނިކުތުމަށެވެ.
އިންޑިއާގައި އުޅޭ އެފްރިކާ ގައުމުތަކުގެ މީހުންނަށް އަމާޒުކޮށް މިދިއަ އަހަރު ވެސް ހަމަލާތަކެއް ދިނެވެ. އެގޮތުން ދިއްލީގައި ކޮންގޯގެ މީހެއްގެ ގައިގައި ތަޅައިގަނެ މަރާލާފައިވެ އެވެ.
އިންޑިއާގައި ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އެފްރިކާ މީހުން ގެންދަނީ ކުރަމުންނެވެ.