ވ. ފުލިދޫގައި މޫދު ކުޅިވަރުގައި އުޅުނު މީހަކު މޫދުން އެރިފަހުން ނޭވާލާން އުނދަގޫވެގެން އެ ރަށުގެ ހެލްތު ސެންޓަރުގައި ފަރުވާދެނިކޮށް ނިޔާވެއްޖެ އެވެ. 

ފުލުހުން ބުނީ ފުލިދޫ ޕޮލިސް ސްޓޭޝަނާއި ވ. އަތޮޅު މަދަރުސާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އިއްޔެ ކުރިއަށް ގެންދިޔަ މޫދު ކްލާހެއްގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަމުންދިޔަ މީހަކަށް ނޭލާވާން އުނދަގޫވެގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ. 

ހެލްތު ސެންޓަރުގައި ފަރުވާދެމުންދަނިކޮށް އެމީހާ ނިޔާވެފައި ވަނީ އިރުއޮއްސި 6:15 ހާއިރެވެ. 

ފުލުހުން ބުނި ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 39 އަހަރުގެ އަންހެނެކެވެ. އެއީ އެ ސްކޫލުގެ މަސައްކަތު މީހެއްގެ މަގާމުގައި ހުރި މީހެކެވެ. 

އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އީމާން އަހުމަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ ނިޔާވީ މޫދު ކުޅިވަރުގެ ހަރަކާތުގެ ތެރެއިން ގެނބުމުގެ ހާދިސާއެއްގައި ނޫން ކަމަށެވެ. އެމީހުން މޫދު ކުޅިވަރުގެ ހަރަކާތުގައި ތިބީ ވަރަށް ތިލަ ހިސާބެއްގައި ކަަމަށާއި އެ ހިސާބުގައި ފެން ހުރީ ގާތްގަނޑަކަށް އެމީހުންގެ ބަނޑާ ހިސާބަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އީމާން ވިދާޅުވި ގޮތުގައި މޫދުން އެރި ފަހުން ނޭވާލާން އުނދަގޫވެގެން އެމީހާ ހެލްތު ސެންޓަރަށް ގެންދަމުން ޕޮލިހުން އެކަން އެންގި އެވެ. އެއީ ގާތްގަނޑަކަށް އިއްޔެ ހަވީރު 4:40 ހާއިރެވެ. 

"އެމީހާ ނިޔާވެފައި ވަނީ މޫދު ކުޅިވަރުގެ ހަރަކާތުގައި ދިމާވި ކަމެއްގައި ކަމަށް ނުބެލެވޭ. އެމީހާއަށް ލޮނު ވެސް ބޮވިފައި ނެތް ކަމަށް ޑޮކްޓަރުން ބުނަނީ،" އީމާން ވިދާޅުވި އެވެ. 

ޑޮކްޓަރާ ހަވާލާދީ އީމާން ވިދާޅުވި ގޮތުގައި އޭނާ ނިޔާވީ ހާލު ސްޓޭބަލް ކަމަށް އެންގި ފަހުން، ޕެނިކް އެޓޭކެއްގަ އެވެ.  

ފުލުހުން ބުނީ ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުގެ މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެެ.