ރަށުގެ އާބާދީ ކިތައްމެ ކުޑަވިޔަސް ބާކީ ކަމުގެ އިހުސާސެއް މިހާރު ނުވާނެ ކަމަށާއި ސަރުކާރުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވާވު އަދި މީމު އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، ރާއްޖޭގެ އާބާދީގެ އެންމެ ކުދި ރަށްތަކުގެ ތެރޭގައި ހިމެނޭ، ވ. ތިނަދޫއަށް ވަޑައިގެން، އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ މި ދެ އަތޮޅަކީ ވެސް މީގެ ކުރިން ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށެވެ.
މިވީހާ ތަނަށް ވެސް ހުރީ ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދެވި ކަމަށާއި އެކަމުގެ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި އުފަން ރަށް ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރުމެވެ.
"ތިނަދޫއަކީ އޭގެ ރަށެއް. މި ސަރުކާރުން ހޭދަކުރާ ފަސް އަހަރުގެ ތެރޭގައި ބަދަލުތަކެއް ގެނެވިއްޖެ. ވައުދުތަކާ އެއްގޮތަށް ކަންކަން ކުރެވިއްޖެކަން ރައްޔިތުން ގަބޫލުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމްގައި މިހާރު ފިޔަ ޖަހަމުން އަންނަ ތިނަދޫގައި 221 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ. ނަމަވެސް ރަށުގައި ދިރިއުޅެނީ އޭގެ ތެރެއިން 75 މީހުންނެވެ.
"މިއީ ބޮޑު އިކޮނޮމީއެއް އޮތް ރަށެއް. ބޭނުންވާ ތަރައްގީ މި ރަށުން ފެނޭ. މި ރަށުގައި އެންމެ ބޮޑުވީ ކަރަންޓުގެ މައްސަލަ. މި ރަށުގައި ލޯކަލް ޓޫރިޒަމްއަށް އިންވެސްޓްކޮށްގެން އުޅޭ މީހުން އެކަން ގަބޫލުކުރޭ. މި ރަށުގައި މިހާރު ކުރާ މަސައްކަތާއި ޓޫރިޒަމް އިންވެސްޓްކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބެންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިހުސާސެއް ނުކުރެވޭނެ ބާކީވެފައި ހުރި ކަން. ވިސްނުމާއި ހިޔާލު ތަފާތުވިޔަސް ސަރުކާރުން ހިދުމަތް ދިނުމުގައި ބާކީއެއް ނުކުރާނެ. މިކަން ކުރެވޭނީ މީހުން ބާކީނުކުރާނެ ސަރުކާރަކުން. ކަންކުރާނީ ވެސް އެގޮތަށް."
ރައީސް ވިދާޅުވީ މި ވެރިކަމުގައި މި އަތޮޅަށް ގިނަ ކަންކަން ކޮށްދެވިއްޖެ އެވެ. މި ހިސާބަށް ބޮޑު ބަދަލެއް ގެނައުމުގެ ވިސްނުންތަކެއް ހުރުމުން، އެމަނިކުފާނަށް ދެވަނަ ދައުރަކާ އެކު އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.