ކާބޯތަކެތި އުކާލުމަކީ އިހުސާނާ ހުސެއިން ވަރަށް ދެކޮޅު ކަމެކެވެ. އެހެންވެ، ބައެއް ދުވަސްދުވަހު ގޭގައި ބާކީވާ ކާ އެއްޗެހި އާއިލީ އެހެން ގެއަކަށް ނުވަތަ ރައްޓެއްސަކަށް ފޮނުވަނީ އެވެ. އުކާނުލައި ވާނެ ގޮތެއް ބަލަ އެވެ.

އިހުސާނާ އާއި އޭނާގެ ފިރިމީހާ އަދި ކުދިން ގުޅިގެން ވައިބާގައި މިހާރު ހިންގަމުން އަންނަ "ލެފްޓް އޯވާ ފުޑްސް ގިވްއަވޭ" ކޮމިއުނިޓީއަކީ އެހެން އުޅުމުގެ ތެރޭގައި މި އާއިލާގެ ވިސްނުމަށް އައި ކަމެކެވެ. ކާއެއްޗެހި އުކާލުމުގެ ބަދަލުގައި އެއަށް ބޭނުންވެފައި ތިބި ބަޔަކަށް ފޯރޮކޮށްދެވޭނެ ފަސޭހަ މަގެއް ހުޅުވާލަދިނީ އެވެ.

"މިހެން ބާކީވާ އެއްޗެއް ދޭން ބަލާއިރު ގިނަ ފަހަރަށް އަހާލެވޭނީ ރައްޓެއްސެއް ކައިރީގައި ބޭނުންތޯ. އިތުރު މީހެއް އަޅުގަނޑަށް ނޭނގޭނެތާ. އެހެންވެ ވަރަށް ވިސްނާފައި ރޯދަމަސް ވެސް ވީމަ މި ކަހަލަ ކޮމިއުނިޓީއެއް ހެދީ،" އޭނާ ބުންޏެވެ.

މި ކޮމިއުނިޓީއަށް މީހަކު ކޮށްފައިވާ މެސެޖެއް.
މި ކޮމިއުނިޓީއަށް މީހަކު ކޮށްފައިވާ މެސެޖެއް.

މި ކޮމިއުނިޓީ ހެދީ ރޯދަމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް މި ކޮމިއުނިޓީ އެނގި 700 އެއްހާ މެމްބަރުން ވެސް މިހާރު އެބަތިއްބެވެ.

"މަގުސަދަކީ ކޮންމެ ގެއަކު ވެސް ބާކީވެފައި ހުންނަ ކާ އެއްޗެހި، އެ ބޭނުންވާ އެހެން މީހަކަށް، އެ އުކާލުމުގެ ބަދަލުގައި، އެއްވެސް އަގަކާ ނުލައި އިސްރާފުނުކުރުމުގެ ވިސްނުމުގެ މަތިން ފޮނުވައިދިނުން،" އިހުސާނާ ބުންޏެވެ.

ގޭގައި ތައްޔާރުކުރާ ކާ އެއްޗެހި ވިއްކާ އަމިއްލަ ފޭސްބުކް ޕޭޖެއް ވެސް އިހުސާނާ ހިންގަ އެވެ. އެއީ "އިޖޫސް ކިޗަން" އެވެ.

"އެތަނުގެ ފަރާތުން ވެސް ކޮންމެ ދުވަހަކު އެއް މީލް ގިވްއަވޭއަށް ދޫކޮށްލަން މި ކޮމިއުނިޓީއަށް. އެންމެ ފުރަތަމަ ބޭނުންވާ ކަމަށް ބުނާ މީހަކަށް ދެނީ،" އޭނާ ބުންޏެވެ.

އިހުސާނާ ބުނީ ކައްކަން ބޭނުންވާ އެއްޗެހި ބޭނުންވެގެން ވެސް ބައެއް މީހުން މެސެޖުކުރާ ކަމަށެވެ. އެހެންވެ، ވީވަރަކުން އެ މީހުންނަށް ވެސް އެހީތެރިކަން ހޯދައިދެވޭނެ ގޮތެއް ބަލާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ފިހާރަ/ރެސްޓޯރެންޓްތަކާ ވެސް ވާހަކަދައްކަން އަޅުގަނޑުމެން މި އުޅެނީ. އެ ތަންތަނުން ވެސް ކާބޯތަކެތި އުކާނުލައި ބަޔަކަށް ފޯރުކޮށްދެވެން އޮތް ނަމަ އެކަން ކޮށްދޭން،" އޭނާ ބުންޏެވެ.

މި ކޮމިއުނިޓީގެ ސަބަބުން ކާބޯތަކެއްޗަށް ބޭނުންވެފައިވާ ތިބި ގިނަ ބަޔަކަށް އެ އެހީތެރިކަން ލިބެމުން ދިއުމަކީ އިހުސާނާގެ އާއިލާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެ އާއިލާގެ އިލްތިމާސްއަކީ މި ކޮމިއުނިޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، ކާބޯތަކެތި އެހެން މީހުންނަށް ފޯރުކޮށްދޭއިރު ސާފުތާހިރު ކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދީގެން މިކަން ކުރުމެވެ.