އަންނަ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ރާއްޖެ ގެންނަ ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓު މިއަދު ރާއްޖެ ގެނެސް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖާ އޮފް ފުޑް އެންޑް ބެވަރޭޖާސް ފާތިމަތު އާޝާން ވިދާޅުވީ އެ ބާވަތްތައް މިއަދުން ފެށިގެން އެސްޓީއޯގެ ހަ ނަމްބަރު ކޮށިން ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި 1:30 އިން 3:00 އަށް ވިއްކާނެ ކަމަށެވެ. އަދި ރޯދަ މަސް ފެށުމުން ހެނދުނު 10:00 އިން 2:00 އަށް ވިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޝާން ވިދާޅުވީ އެތަކެތި ވިއްކުމަށް އަގު ކަނޑައަޅާފައި ވަނީ މިވަގުތު ބާޒާރުން އެތަކެތި ވިއްކާ އަގަށް ބަލާފައި ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެފައިވާތީ މުދާ ގެންނަ އިރު އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މޫސުން ގޯސްވުމުގެ ސަބަބުން މުދާ ގެންނަ އިރު އަގަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓޭތޯ،" އާޝާން ވިދާޅުވި އެވެ.

އެސްޓީއޯއިން މިއަހަރު ފިޔާ ބަސްތާއެއް 160ރ. އަށް ވިއްކާއިރު އަލުވި ބަސްތާއެއް ވިއްކަނީ 250ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 275ރ. އަށެވެ.

އެސްޓީއޯއިން ވަނީ ފިޔާ، އަލުވި އަދި ބިހުގެ އިތުރުން، ގެރި ކިރު ދަޅާއި، ސަންފްލާވާ އަދި ކޯން އޮއިލް ވެސް ރޯދައަށް ހާއްސަކޮށްގެން ގެނެސްފަ އެވެ.