ޒުވާން ވިޔަފާރިވެރިން އުފައްދަން ދޭ ލޯނު ލިބުނު 10 ފަރާތަކުން ވިޔަފާރި ފަށައި ކާމިޔާބު ކަމާ އެކު ހިންގަންމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
"ގެޓްސެޓް" ސްކީމްގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި ހޮވުނު 34 މީހުންނަށް ފައިސާ ދޫކުރަން މިހާރު ވަނީ ފަށާފަ އެވެ.
އަލަށް ވިޔަފާރި ފަށަން ބޭނުންވާ 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަ ގެޓްސެޓްގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 30 ފަރާތަކަށް މިހާރު ވަނީ ފައިސާ ދޫކޮށްފަ އެވެ. ބާކީ ތިބި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންނަށް އަންނަ ހަފުތާގައި ފައިސާ ދޫކުރެވޭ ވަރުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މަހީލް ވިދާޅުވި ގޮތުގައި ފައިސާ ލިބުނު 10 ފަރާތަކުން މިހާރު ވެސް އެކި ލެވެލްގައި ވިޔަފާރި ކުރަން ފަށާފައި ވާއިރު، އޭގެ ތެރެއިން ހަ ފަރާތެއްގެ ވިޔަފާރި ވަރަށް ކާމިޔާބު ކަމާ އެކު ކުރިއަށް އެބަދެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ، އޭނާ ވިދާޅުވި ގޮތުގައި، ގެސްޓްހައުސް، ރެސްޓޯރަންޓް އަދި ލޮޖިސްޓިކްސް ފަދަ ޓޫރިޒަމާ ގުޅުން ހުރި ވިޔަފާރިތަކެވެ.
"އެ ކުދިން ސްކްރެޗުން ފެށިގެން އަޅުގަނޑުމެން މި ގެންދަނީ ހަމަ ވިޔަފާރި ރަޖިސްޓްރީ ކުރީއްސުރެ ހަމަ ސްޓެޕް ބައި ސްޓެޕް،" އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހީލް ވިދާޅުވި އެވެ.
ގެޓްސެޓްގެ ދެ ވަނަ ބުރު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފަށާނެކަން ވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެހެން ނަމަވެސް، އޭގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ގެޓްސެޓް ސްކީމުން 300،000ރ. އާއި 800،000ރ. އާ ދެމެދުގެ ލޯނު ލިބޭނެ އެވެ. ރަހުނަކާ ނުލައި ދޭ މި ލޯނު ދައްކަން ހަތަރު އަހަރާއި ނުވަ އަހަރާ ދެމެދުގެ މުއްދަތެއް ލިބެ އެވެ. ވިޔަފާރި ކުރަން ފައިސާ ލިބުމުގެ އިތުރުން މި ސްކީމްގެ އެންމެ ހާއްސަ ކަމަކީ ކަމާއި ގުޅޭ ތަމްރީނު ދިނުމެވެ. އެ ގޮތުން، ފުރަތަމަ ތިން މަހާއި ނުވަ މަސްދުވަހުގެ މުއްދަތަކަށް ކޮންމެ ވިޔަފާރިއަކަށް ވެސް ހާއްސަ ތަޖުރިބާކާރެއްގެ ކަނޑައަޅައި އެ ފަރާތުގެ އިރުޝާދާއި އެހީތެރިކަން ލިބެ އެވެ.