ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ 25 މިލިއަން ރުފިޔާގެ ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.


އެ މިނިސްޓްރީން ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ މި އަހަރުގެ ގެޓްސެޓް ލޯނަށް ކުރިމަތިލެވޭނީ މި މަހުގެ 16 އިން އިއްޔެގެ ނިޔަލަށެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ލޯނަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގިނަ އަދަދެއްގެ ޒުވާނުން ގެޓްސެޓް ލޯނަށް ކުރިމަތިލާން އަދިވެސް ބޭނުންވާތީ ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމެވެ.

ލޯނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ނަމަވެސް، ކުރިން ޕްރޮޕޯޒަލް ހުށަހެޅި މީހުން އަލުން އެ ޕްރޮޕޯޒަލް ހުށަހަޅަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ޕްރޮޕޯޒަލް ބަލައިގަންނަނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީން ހަ ރަށެއްގައި ހުޅުވާފައިވާ ބިޒްނަސް ސެންޓަރަކުންނެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގެ ބިޒްނަސް ސެންޓަރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ފެށި ގެޓްސެޓް ލޯނު ޕްރޮގްރާމަށް ކުރިމަތިލެވެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އެކަމަށް އެދޭ ޒުވާނުންނަށް 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ދޭން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގެޓްސެޓް ލޯނަށް ހުށަހެޅެނީ މަދުވެގެން ދެ މީހަކު ގުޅިގެން ފަށާ ވިޔަފާރިތަކަށެވެ.