މާލޭގެ ޖަންކްޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވުމުގެ މައްސަލަ ދެތިން މަސް ތެރޭގައި ހައްލުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
އެތަނުގެ ޓެކްނިކަލް އެންޑް ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވީ މި އޮތް ހުރިހާ ދުވަހު އެކަމަށް ހައްލެއް ލިބިފައި ނުވަނީ ނަރުދަމާގެ ނިޒާމު ތަރައްގީކުރަން ބިމެއް ނުލިބިގެން ކަމަށެވެ. އެކަމަކު މާލޭގައި އަލަށް ހިއްކި އިންޑަސްޓްރިއަލް ވިލެޖުން އެ ކުންފުންޏަށް ލިބުނު ބިމުގައި އާ ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުން އެ މައްސަލައަށް މި ވަގުތަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން ވިއްސާރަ ވީމަ ޖަންކްޝަންތަކުން ނަޖިސް ލީކުވުން ހައްލުވާނެ،" ފަޒީލް ވިދާޅުވި އެވެ.
މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީއަށް ބިނާކޮށެވެ. އެކަމަކު މާލޭގެ އާބާދީ މިހާރު ދެ ލައްކައާ ގާތްކުރާއިރު، މުޅި ނިޒާމަށް ބާރުބޮޑުވެ، ޖަންކްޝަންތަކުން ނަޖިސްލީކުވުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ.
މާލޭގެ ނަރުދަމާ ނިޒާމަށް ނުކަތާ ވަރަށް އާބާދީ ބޮޑުވެފައިވާކަން އެމްޑަބްލިއެސްސީން ވެސް ގަބޫލުކުރެ އެވެ.
ފަޒީލް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި ގާއިމްކުރާ ޕަމްޕް ސްޓޭޝަން ގުޅިފައި ހުންނާނީ މަޖީދީ މަގުން ދެކުނު ފަރާތުގެ ނަރުދަމާގެ ނިޒާމާ އެވެ. މަޖީދީ މަގުން އުތުރުގެ ނަރުދަމާ ނިޒާމް ހަމަޔަކަށް އަޅުވާނީ މަސްވެރިންގެ ޕާކް ސަރަހައްދުގައި ހުންނަ ޕަމްޕް ސްޓޭޝަން މިހާރަށް ވުރެ ވަރުގަދަކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަގީގީ މައްސަލައަކީ ކޮބާ؟
ޖަންކްޝަންތަކުން ނަޖިސް ލީކު ވަނީ އާއްމު ގޮތެއްގައި ވިއްސާރަ ދުވަސްވަރު އެވެ.
އެމްޑަބްލިއުއެސްސީގައި ކުރިން މަސައްކަތް ކުރެއްވި ކަމާ ގުޅޭ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ވިއްސާރަވެހި ފެން ބޮޑުވާއިރު މާލޭގެ ހުރިހާ މަގަކުން ހެން ވެސް ނަޖިސް ލީކުވާނެ އެވެ.
"ފެން ބޮޑުވެފައި އޮންނާތީ ނޭނގެނީ. އެކަމަކު ހުރިހާ ކާނަކުން އަދި ޖަންކްޝަންތަކުން ވެސް ވަރަށް ބޮޑަށް ނަޖިސް ބޭރުވާނެ،" އޭނާ ވިދާޅުވި އެވެ.
ފަޒީލް ވިދާޅުވީ މަގުމަތީގައި ފެންބޮޑުވާހާ ހިނދަކު އެ މައްސަލައަށް ހައްލެއް ގެންނަން އުނދަގޫވާނެ ކަމަށެވެ.
މާލެ އަށް ވާރޭ ވެހި ހެދޭ ފެން ކާނުތަކުން ނުހިންދޭއިރު މާލޭގެ ބައެއް ގެތަކުގެ ދިޔަދޮއްވާއި ޓެރަސް ހޮޅި ގުޅާފައި ހުންނަނީ ނަރުދަމާ ނިޒާމާ އެވެ. މިއީ އެމްޑަބްލިއުއެސްސީން މަނާކޮށްފައިވާ ކަމެކެވެ.
ފަޒީލް ވިދާޅުވީ ގެތަކުން ގުޅާފައި ހުންނަ އެފަދަ ހޮޅިތަކުގެ ސަބަބުން ޖަންކްޝަންތައް ފުރި ބަންޑުންވާ ކަމަށެވެ.
"އަލަށް އިމާރާތް ކުރާއިރު ކޮންސްޓްރަކްޝަން ކުންފުނިތަކުން ވެސް ކުރާ ކަމެއް މިއީ. މިކަން ހައްލު ކުރުމަށް އަޅުގަނޑުމެން ވާނީ 40 ގެއެއްގެ ދިޔަދޮވި ނަގާފައި،" އޭނާ ވިދާޅުވި އެވެ.
"މިއީ މައްސަލަ ހައްލުކުރުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް."
އޭނާ ވިދާޅުވީ މުޅި މި މައްސަލައަށް ހައްލެއް އަންނާނީ މަގުމަތީގައި ބޮޑުވާ ފެން ހިންދައިގެން ކަމުން، އެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ހައުސިން މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމި، މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައިސްފައި ވުމުން، ނަޖިސް ލީކުވުން ވެސް ކުރިއަށް އޮތް ތަނުގައި ހުއްޓޭނެ ކަމަށް ފަޒީލް ވިދާޅުވި އެވެ.