ފޭސްބުކްގައި ޝެއާ ކުރާ ފޮޓޯ އަދި ވީޑިއޯ އަށް ސައުންޑްޓްރެކް ލެވޭ ފީޗާއެއް ވަރަށް އަވަހަށް ތައާރަފް ކުރަނެ ކަމަށް ފޭސްބުކުން ބުނެފި އެވެ.

އެމެރިކާގެ މަޝްހޫރު ރެކޯޑްް ކޮމްޕެނީ، ވޯނާ މިޔުޒިކް ގްރޫޕާ ގުޅިގެން އަލަށް ތައާރަފް ކުރާ "ސްލައިޑް ޝޯ" ފީޗާއާ އެކު ފޭސްބުކަށް ލާ ފޮޓޯތަކާއި ވީޑިއޯތަކަށް އެންމެ ފަހުގެ ލަވަތައް ލެވޭނެ އެވެ. މި ފީޗާ މިހާރު އޮސްޓްރޭލިއާގައި ޓެސްޓު ކުރަމުން އަންނަ ކަމަށް ފޭސްބުކުން ބުނެ އެވެ.

ފޭސްބުކްގެ މޯމެންޓްސް އެޕްގައި މިހާރު ވެސް ބޭނުންކުރެވޭ ކަހަލަ މި ފީޗާއާ އެކު ފޭސްބުކަށް ލާ ފޮޓޯތަކާއި ވީޑިއޯތައް ގްރޫޕުކޮށް އެ އަށް އެންމެ ފަހުގެ ލަވައެއް ވެސް ލެވިދާނެ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ، މީހުންގެ ދިރިއުޅުން ޝެއާ ކުރެވޭނެ ފަސޭހަ ގޮތްތައް އެ މީހުންނަށް ހޯދައިދެވޭތޯ. ސްލައިޑް ޝޯގެ ސަބަބުން، މީހުންނަށް ވަރަށް މޮޅު ގޮތްގޮތަށް ފޮޓޯ އަދި ވީޑިއޯތައް ޝެއާ ކުރެވޭނެ،" ފޭސްބުކްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެން ބޭނުން ކުރަމުން މި އަންނަނީ ފޭސްބުކުން ގަނެފައިވާ ލަވަތައް. އެކަމަކު މިހާރު އަޅުގަނޑުމެން މި ޓެސްޓު ކުރަނީ ވޯނާ މިޔުޒިކްގެ ބައެއް ލަވަތަކާ އެކު."

މިހާތަނަށް މި އައު ފީޗާއާ އެކީ ލިބެން ހުންނާނެ ލަވަތައް ހާމަކޮށްފައި ނުވި ނަމަވެސް، ވޯނާ މިޔުޒިކް ގްރޫޕުން ސޮއިކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި، އެޑް ޝީރަން، ވިޒް ޚަލީފާ، ރެޑް ހޮޓް ޗިލީ ޕެޕާސް، ކައިލީ މިނޯގު ހިމެނެ އެވެ.