ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިންޑިއާގެ އުތުރުގެ ހިސާބުތަކުން، ވަޅަކުން ފެން ހޯދަން އުޅުމުގެ ތެރޭގައި ފަސް މީހުން މަރުވެެއްޖެ އެވެ.
ހަރިއާނާ ސްޓޭޓުން ފަސް މީހުން މަރުވެފައި ވަނީ ފެން ނަގަން އުޅުނު ވަޅުގެ ތެރޭން އެރި ވިހަ ގޭހެއްގެ ސަބަބުންނެވެ. ހަރިއާނާގެ ޖިންދު އަވަށުގެ މީހުން ފެން ހޯދަން އުޅުނީ ބޭނުން ނުކޮށް ހުރި ވަޅަކުންނެވެ. އެ ވަޅުގެ ފެން އެ މީހުން ބޭނުން ކުރަން އުޅުނީ ފެންވެރުމަށާއި އެއްޗެހި ދޮވުމަށެވެ.
"އެ ވަޅު ބޭނުން ނުކޮށް ހުންނަތާ ފަސް، ހަ އަހަރު ވަރު ވެދާނެ. ވަޅުން ފެންނަގަން އުޅުނު މީހުންނަށް އެ ވަޅުގައި ވިހަ ގޭހެއް ހުރި ކަމެއް ނޭނގޭ،" ޖިންދު އަވަށުގެ ފުލުހުންގެ ވެރިޔާގެ ނައިބް ވިރެންދުރަ ސިންގް އޭއެފްޕީ އަށް ވިދާޅުވި އެވެ.
"އެ ވަޅު ބޭނުން ނުކޮށް ހުންނަތާ ފަސް، ހަ އަހަރު ވަރު ވެދާނެ. ވަޅުން ފެންނަގަން އުޅުނު މީހުންނަށް އެ ވަޅުގައި ވިހަ ގޭހެއް ހުރި ކަމެއް ނޭނގޭ،" ޖިންދު އަވަށުގެ ފުލުހުންގެ ވެރިޔާގެ ނައިބް
އިންޑިއާގެ ގިނަ ހިސާބުތަކަށް މިހާރު ވަނީ ފެނުގެ ދަތިކަން ކުރިމަތިވެފަ އެވެ. އިންޑިއާ އަށް ކުރިމަތިވި ހަނަފަސްކަމުގައި ވަނީ 300 މީހުން މަރުވެފަ އެވެ. ހަރިއާނާގެ އިތުރުން ގުޖުރާތު އަދި ބިހާރަށް ފެން ލިބުން ދަތިވެ، އެ މައްސަލަ އަށް ހައްލެއް ހޯދިފައި ނުވުމުން އިންޑިއާގެ ސްޕްރީމް ކޯޓުގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.
އިންޑިއާ އަށް ކުރިމަތިވި ހަނަފަސްކަމުގެ އަސަރު ވަނީ 330 މިލިއަން މީހުންނަށް ކޮށްފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާ އަށް ހޫނުގަދަވެ ފިނިހޫނުމިން ވަނީ ބައެއް ހިސާބުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.