ފިލްމެއްގައި އަނިލް ކަޕޫރު ވަނީ ބަފާބައެއްގެ ރޯލް އަދާކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ނިކުތް "ދިލް ދަޅަކް ނޭ ދޯ" ގަ އެވެ. އެކަމަކު މި ފަހަރު އަނިލް ބަދަލު ވަނީ އަސްލު ބަފާބެއަކަށެވެ. ހަގީގީ ދިރިއުޅުމުގަ އެވެ.
އަބަދަށް ޒުވާން އަނިލް، 59، ގެ ތިން ދަރިންގެ ތެރެއިން ދެވަނަ އަންހެން ދަރިފުޅު ރިއާ ކަޕޫރު، 29، މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިއާ ކައިވެނި ކުރަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އަބަދުވެސް ވަރަށް ލޯ ޕްރޮފައިލްކޮށް އުޅޭ ރިއާ ކައިވެނި ކުރަނީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ، ބައެއް ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަރަން ބޫލާނީ އެވެ. ކަރަން އެޑީގެ ދައުރު އަދާކުރި ފިލްމުތަކުގައި ތެރޭގައި "އައިޝާ އާއި "ވޭކަޕް ސިދް" ހިމެނެ އެވެ. ރިއާ އާއި ކަރަން ރައްޓެހިވީ "އައިޝާ" ޝޫޓް ކުރަމުން ދިޔަ ދުވަސްވަރު އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ކައިވެންޏާ ބެހޭ ގޮތުން ދެ ފަރާތުގެ އާއިލާ ބައްދަލުކޮށް، ކައިވެނީގެ ތައްޔާރީތައް ވެސް މިހާރު ވަނީ ވާން ފަށައިފަ އެވެ.
ރިއާއަކީ ދައްތަ އަދި ބަތަލާ ސޯނަމް ކަޕޫރުގެ ކެރިއަރު ބައްޓަން ކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެކެކެވެ.
ސޯނަމް، 30، ކުޅުނު ޗިކް ފްލިކް "އައިޝާ" އާއި "ހޫބްސޫރަތު" އަކީ ރިއާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކެވެ. އަދި ސޯނަމް ހިމަނައިގެން ތިން ވަނަ ފިލްމެއް ހަދަން ވެސް ރިއާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ "ބެޓްލް އޮފް ބިޓޯރާ" އެވެ.
ރިއާ ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، އަނިލްގެ ހަގު ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރް، 25، ބޮލީވުޑަށް ލޯންޗް ކުރާ ފިލްމް "މިރްޒިޔާ" މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރާނެ އެވެ.