ބަސެލް، ސްވިޒަލެންޑް (މޭ 18) - ޔޫރަޕުގައި އެންމެ ކާމިޔާބު އިނގިރޭސި ޓީމު ކަމަށްވާ ލިވަޕޫލް ފަހަތުން އަރައި 3-1 އިން ބަލިކޮށް ޔުއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ސްޕެއިނުގެ ސެވިއްޔާ ކާމިޔާބުކޮށްފި އެވެ.
ސެވިއްޔާގެ ކޯޗު އުނައި އެމެރީ ބޮޑު ޝަރަފަކާއި ކާމިޔާބެއް ހޯދިއިރު، ރޭގެ މެޗަކީ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް އަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ. ލިވަޕޫލާ ހަވާލުވިތާ ހަތް މަސް ތެރޭ ދެ ފައިނަލުގައި ކުޅުނު ނަމަވެސް ދެ ފައިނަލުން ބަލިވުމުގެ އިތުރުން ރޭގެ ފައިނަލަކީ އޭނާ އަށް ނާކާމިޔާބުވި ފަސް ވަނަ ފައިނަލެވެ. ކުރީގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑާ އެކު ތިން ފައިނަލުން ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ހިމެނެ އެވެ.
ރޭގެ މެޗާ އެކު ލިވަޕޫލަށް ލިބުނު ހަމައެކަނި ހިތްދަތި ކަމަކީ ތަށްޓެއް ގެއްލުމެއް ނޫނެވެ. ޗެމްޕިއަން ޓީމަށް ލިބޭ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ވެސް ވަނީ ގެއްލިފަ އެވެ.
ސްވިޒަލެންޑުގެ ބަސެލްގައި ކުޅުނު މި މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑެނިއަލް ސްޓަރިޖް ލަނޑު ޖެހުމާ އެކު އެ ޓީމަށް ރަނގަޅު ފެށުމެއް ލިބުނެވެ. މި ލަނޑު ޖެހީ، އޭގެ ކުރިން އެ ޓީމުން ޕެނަލްޓީއަކަށް ކުރި އެޕީލް ނާކާމިޔާބުވެފައިވަނިކޮށެވެ. ލިވަޕޫލުގެ ރޮބާޓޯ ފިރްމީނިއޯ އަށް އޭރިއާ ތެރެއިން ސެވިއްޔާގެ ޑިފެންޑަރަކުން ހުރަސް އެޅި ނަމަވެސް ރެފްރީ ޕެނަލްޓީ ނުދެ އެވެ
ސެވިއްޔާ އިން ވަނީ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓު ތެރޭ އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ މަރިއާނޯ ފެރެއިރާ އަރިމަތިން ކުރިއަށް އަރައި ނެގި ހުރަސް ގޯލް ކުރިމަތީ ހުހަށް ކެވިން ގަމެއިރޯ ވަނީ ގޯލް ތެރެއަށް ވައްދާލައިފަ އެވެ.
ސެވިއްޔާ އަށް ލީޑު ނަގައިދިނީ، ތިން ވަނަ ލަނޑު ވެސް ޖެހީ ކޯކޭ އެވެ. ފުރަތަމަ ލަނޑު 64 ވަނަ މިނެޓުގައި އޭނާ ޖެހީ، އެ ޓީމުގެ މެދުތެރެއިން އުފެއްދި ހަމަލާއެއްގައި، އޭރިއާ ބޭރުން ބާރު ޝޮޓެއް ފޮނުވާލައިގެންނެވެ. ފަހު ލަނޑު 70 ވަނަ މިނެޓުގައި އޭނާ ޖެހިއިރު ލައިންސްމަން އޮފްސައިޑް ދިދަ ނެގި ނަމަވެސް ފަހުން ވަނީ އެ ގޯލް ގަބޫލުކޮށްފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލުގެ ބަލިފައިގެ ގޮތުގައި ފާހަގަކުރެވުނީ ސެވިއްޔާ 2014 ވަނަ އަހަރު ޔުރޮޕާ ލީގު ކާމިޔާބުކުރި ސްޕެއިން ޑިފެންޑަރު އަލްވާރޯ މޮރޭނޯ އެވެ. ސެވިއްޔާ އިން ރޭ ޖެހި ތިން ލަނޑުގައި ވެސް އޭނާ ވަނީ މިސްޓޭކް ހަދައިފަ އެވެ.