އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ އާ އިންޓަނޭޝަނަލް ޕެސެންޖަ ޓާމިނަލަކީ މިހާރު ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް ބުނަނީ ސަބަބުތަކެއް ނެތިއެެއް ނޫނެވެ. ހުޅުލޭ އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން އެއީ އެންމެ ފާހަގަކޮށްލެވޭ މަސައްކަތެވެ. ގާތްގަނޑަކަށް 300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މަޝްރޫއު ނިމޭއިރު، އެއާޕޯޓުގެ މުޅި މަލަމަތި ބަދަލުކޮށްލާނެ އެވެ.

އާ ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ސައުދީ އަރަބިއްޔާގެ ބިޔަ ކުންފުނި ބިންލާދިން ގުރޫޕާ ހަވާލުކޮށްފަ އެވެ. މަޝްރޫއު ނިމޭއިރު ފެންނާނީ ދުނިޔޭގެ މަޝްހޫރު އެއާޕޯޓުތަކުގެ ޑިޒައިންތަކާ ފައި ހަމަކޮށްލެވޭ ވަރުގެ އިމާރާތެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު އާ އިމާރާތުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުންނާނެ އެވެ. އެގޮތުން ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމްކުރާނެ އެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަ އެތައް ގުނައެއް ބޮޑުކުރާނެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ އިންޓަނޭޝަނަލް އާ ބްރޭންޑްތައް ރާއްޖެ އަށް ތައާރަފުވުމެވެ.

"އަޅުގަނޑުމެން މިދައްކަނީ 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގެ ވާހަކަ. މިހާރަށް ވުރެ ފެސިލިޓީސްތައް ވެސް ގިނަވާނެ،" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅިން އާ ޓާމިނަލެއް އަޅާއިރު، ވަރަށް ރީތި ޖެޓީތަކެއް ވެސް ހަދާނެ އެވެ. މޫދަށް ޖައްސާ މަތިންދާ ބޯޓުތަކަށް ހާއްސަ ސަރަހައްދެއް ގާއިމްކުރާނެ އެވެ. އެއީ މިހާރަށް ވުރެ ހިތްފަސޭހަ، ހިދުމަތްތައް ފަހި ތަނަކަށް ވާނެ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

މިހާރު އެއާޕޯޓުގައި އާންމުކޮށް ބޭނުންކުރަނީ ތިން ގޭޓް ކަމަށްވާއިރު، އާ ޓާމިނަލްގެ މަޝްރޫއުއާ އެކު އެ އަދަދު 10 އަށް އިތުރުވާނެ އެވެ.

އިންޓަނޭޝަނަލް އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލާ އިންވެގެންނެވެ.

"އާ ޓާމިނަލާ އެންމެ ކައިރިވާނީ މާލެ-ހުޅުލެ ބްރިޖް. ބްރިޖުން ހުޅުލެ އަށް އަރާ ތަނުން ފެންނާނީ އާ ޓާމިނަލް. އެއީ ވަރަށް ބޮޑު ފަސޭއަކަށް ވާނެ،" އާދިލް ވިދާޅުވި އެވެ.

އައިއެންއައިއޭގެ އާ އިންޓަނޭޝަނަލް ޕެސެންޖަ ޓާމިނަލް ބިލްޑިންގުގެ މަޝްރޫއު ފަށަން މިދިޔަ ހޮނިހިރުދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އައިއެންއައިއޭގެ އާ އިންޓަނޭޝަނަލް ޕެސެންޖަ ޓާމިނަލް ބިލްޑިންގުގެ މަޝްރޫއު ފަށަން މިދިޔަ ހޮނިހިރުދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އާ ޓާމިނަލްގެ ކޮންމެވެސް ވަރެއްގެ ޑިޒައިނެއް ވަނީ ކުރަހައިފަ އެވެ. އެކަމަކު އެ ޑިޒައިނަށް ފަހުން ބަދަލު ގެންނާނެ ކަމަށް އާދިލް ވިދާޅުވެ އެވެ. ނަމަވެސް އެންމެ ފާހަގަކުރެވޭ ކަމަކީ ޓާމިނަލް ޑިޒައިން ކުރަނީ ދިވެހިންގެ އާދަކާދަތަކާ ގުޅޭ ކޮންސެޕްޓަކަށް ކަމެވެ. ޓާމިނަލްގެ އައިކަންގެ ގޮތުގައި ބަލަނީ ދިވެހި ވަންތަކަމެވެ.

"ވަރަށް ޔުނިކް ކޮންސެޕްޓެއް ގެނެވޭތޯ މިބަލަނީ. ޓާމިނަލް އޭރިއާގެ ސައިޒަށް ބަލާއިރު ވެސް ވަރަށް ޔުނިކްކޮށް އެތަން ހެދޭނެ. މިސާލަކަށް ރާއްޖެ އަކީ ވަށައިގެން ކަނޑު އޮންނަ ގައުމަކަށް ވާތީ، ވޭވް ކަހަލަ މަންޒަރުތަކެއް ފެންނަ ގޮތަކަށް ވެސް ހެދިދާނެ،" އާދިލް ވިދާޅުވި އެވެ.

އާ އިންޓަނޭޝަނަލް ޕެސެންޖަ ޓާމިނަލް ބިލްޑިންގުގެ މަޝްރޫއުގެ އެއްބަސްވުމުގައި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޢާދިލް މޫސާ (ކ) އަދި ސައުދީ ބިންލާދިން ގްރޫޕުގެ ރެޕްރެޒެންޓޭޓިވް ޢަބްދުލްއަޒީޒު ބީ ބިންލާދިން (ވ) ސޮއި ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އާ އިންޓަނޭޝަނަލް ޕެސެންޖަ ޓާމިނަލް ބިލްޑިންގުގެ މަޝްރޫއުގެ އެއްބަސްވުމުގައި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޢާދިލް މޫސާ (ކ) އަދި ސައުދީ ބިންލާދިން ގްރޫޕުގެ ރެޕްރެޒެންޓޭޓިވް ޢަބްދުލްއަޒީޒު ބީ ބިންލާދިން (ވ) ސޮއި ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަދި އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރަނީ 3-4 އަހަރުންނެވެ. އެ މުއްދަތުގެ ތެރޭގައި އާ ރަންވޭގެ މަސައްކަތް ފަށާނެތީ، މުޅި އެއާޕޯޓުގައި 4،000-5،000 މީހުން ތަފާތު މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ އެވެ. އަދި ސަބް ކޮންޓްރެކްޓަރުންގެ ގޮތުގައި ދިވެހިން ނަގާނެ ކަމަށް ބެލެވޭތީ، މިއީ އިގުތިސޯދަށް ވެސް މުހިންމު މަޝްރޫއެއްގެ ގޮތުގައި އެމްއޭސީއެލް އިން ދެކެ އެވެ.

"..މި ބޮޑު ޕްރޮޖެކްޓަށް ހިނގާ ހަރަދު ކުރު މުއްދަތެއްގައި ފޫބެއްދި ބޮޑު ފައިދާއެއް ދައުލަތަށް ދައްކަމުން ގެންދެވޭނެ ކަމުގެ ގާބިލްކަމާއި ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ޓާމިނަލްގެ މަސައްކަތް ބިންލާދިން ގުރޫޕާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ މަޝްރޫއުއާ އެކު އެއާޕޯޓުން ދައުލަތަށް ވަންނަ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގައި އަމާޒު ހިފާފައި ވަނީ އޭޝިއާ ސަރަހައްދުގެ އެންމެ ހިތްގައިމު އެއާޕޯޓަށް އެ ތަން ހެދުމަށް ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

އާ ޓާމިނަލްގެ މަޝްރޫއު ނިމޭއިރު، ދިވެހިން އުފާވާ ކަހަލަ ރީތި މަންޒަރެއް އެއާޕޯޓުން ފެންނާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްގެ މެނޭޖްމަންޓަށް އެބަ އޮތެވެ. އެހެންވެ އެ ކުންފުނިން ދެކޭ ގޮތުގައި މިއީ ދިވެހިންގެ ހިތަށް ފިނިކަން ގެނެސްދޭނެ، ދިވެހިން އުފާކޮށްދޭނެ މަޝްރޫއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.