އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ފަލުއްޖާ ހިފުމުގެ އޮޕަރޭޝަން ވަރަށް އަވަހަށް ފަށާނެ ކަމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެއްޖެ އެވެ.

އިރާގު ސިފައިންގެ ބާރުގެ ދަށުން ފަލުއްޖާ ގެއްލިފައި އޮންނަތާ މިހާރު ދެ އަހަރާއި ބައި ވެއްޖެ އެވެ. އެ ސިޓީ އަލުން ހިފުމަކީ އިރާގު ސިފައިންނަށް ކުރިމަތިވާނެ އެންމެ އުނދަގޫ މަސައްކަތެވެ.

"ފަލުއްޖާ ހިފުމުގެ އޮޕަރޭޝަން ފަށަން މި ވަނީ ތައްޔާރުވެފައި. އިރާގުގެ ދިދަ ފަލުއްޖާގައި ވިހުރޭ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ،" އަބާދީގެ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އައިއެސްގެ ބާރުގެ ދަށުން ފަލުއްޖާ ހިފުމުގެ އޮޕަރޭޝަނަށް އިރާގު ސިފައިން ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
އައިއެސްގެ ބާރުގެ ދަށުން ފަލުއްޖާ ހިފުމުގެ އޮޕަރޭޝަނަށް އިރާގު ސިފައިން ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ

އަބާދީ ވިދާޅުވީ ބަޣުދާދުގެ ހުޅަނގުން އޮންނަ ފަލުއްޖާ ހިފުމުގެ އޮޕަރޭޝަނުގައި އިރާގުގެ ޚާއްސަ ސިފައިންނާއި އިރާގު ސަރުކާރަށް ތާއީދުކުރާ ގަބީލާތަކުގެ މީހުން ބައިވެރިވާނެ ކަމަށެވެ.

ކުރިން ބެލެވިފައި ވަނީ އިރާގު ސިފައިން ދެން އެންމެ އަވަހަށް ހިފާނީ މޮސޫލް ކަމަށެވެ. އެ ސިޓީ ހިފުމުގެ ތައްޔާރީތަކެއް އިރާގު ސިފައިން ކުރިން ވަނީ ވެފަ އެވެ.

"ފަލުއްޖާ ހިފުމުގެ އޮޕަރޭޝަން ފަށަން މި ވަނީ ތައްޔާރުވެފައި. އިރާގުގެ ދިދަ ފަލުއްޖާގައި ވިހުރޭ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ،" އިރާގުގެ ބޮޑު ވަޒީރު

އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލީޝަނުން މިދިޔަ ހަފުތާގައި ވަނީ ފަލުއްޖާ އަށް ވައިގެ ހަތް ހަމަލާއެއް ދީފަ އެވެ. އިރާގުގެ ޖޮއިންޓް އޮޕަރޭޝަން ކޮމާންޑުން އިއްޔެ ވަނީ ފަލުއްޖާގައި ތިބި އާއްމުން އެ ސިޓީ ދޫކޮށް ދިއުމަށް އަންގައިފަ އެވެ. އަދި އެ ސިޓީން ނުކުތުމަށް ދަތިވާ މީހުން ހުދު ދިދަ ނަގައިގެން ތިބުމަށާއި އައިއެސްގެ މަރުކަޒުތަކާ ގާތް ނުވުމަށް ވެސް ވަނީ އަންގައިފަ އެވެ.

އައިސްގެ ބާރުގެ ދަށުން ފަލުއްޖާ ހިފުމުގެ އޮޕަރޭޝަނަށް އިރާގު ސިފައިން ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
އައިސްގެ ބާރުގެ ދަށުން ފަލުއްޖާ ހިފުމުގެ އޮޕަރޭޝަނަށް އިރާގު ސިފައިން ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ

އޮފިޝަލުން ބުނާ ގޮތުގައި ފަލުއްޖާ އިން އާއްމުން ނުކުތުމަށް އައިއެސް އިން ދަނީ ހުރަސް އަޅަމުންނެވެ.

ފަލުއްޖާ އާއި މޮސޫލް އަކީ އައިއެސްގެ ބާރުގެ ދަށުން އިރާގު ސިފައިންނަށް އަތު ނުވެ އޮތް މުހިންމު ދެ ސިޓީ އެވެ. އަންބާރު ޕްރޮވިންސްގެ ވެރިރަށް ރަމާދީ އިރާގު ސިފައިން ކުރިން ވަނީ ހިފައިފަ އެވެ.

އައިއެސްގެ ހަނގުރާމަވެރިން އިރާގުގެ މުހިންމު ތަންތަން ހިފަން ފަށާފައި ވަނީ ޖޫން 2014 އިން ފެށިގެންނެވެ. --އޭއެފްޕީ