ސްރީ ލަންކާ އަށް މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރަ އަކީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭ ކުރި އެންމެ ގަދަ ވިއްސާރަ އެވެ. ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ލަންކާ އަށް މެދު ނުކެނޑި ތިން ދުވަސްވަން ދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް ކޮލަމްބޯ އާއި އެނޫން ވެސް ބައެއް ސިޓީތަކުގައި ފެންބޮޑުވެ އާއްމުންގެ ދިރިއުޅުމަށް ވަނީ ހުރަސް އެޅިފަ އެވެ.
"ބޭރަށް ހިންގުމާއި ހަމުގެ ބަލިމަޑުކަމެއް ފެތުރުމުގެ ބިރު މިހާރު އެބައޮތް،" ކޮލަމްބޯ މުނިސިޕަލް ކައުންސިލް
ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާގެ އެންގެވުމަކަށް ސިފައިން ނުކުމެ ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އެންމެ ފުޅާ ދާއިރާއެއްގައި ކުރި އަށް ގެންދިޔައީ އެންމެ ބޮޑަށް ބިންގަނޑު ކަނޑައިގެން ދިޔަ، ކޮލަމްބޯގެ އިރު އުތުރުން 100 ކިލޯމީޓަރު (60 މޭލު) ދުރުގައި އޮންނަ ކެގާލީ ސަރަހައްދުގަ އެވެ.
ފެންބޮޑުވެގެންނާއި ބިންގަނޑު ފޭބުމުން މަރުވި މީހުންގެ އަދަދު 92 އަށް އަރާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުންޏެވެ.
މިހާތަނަށް 109 މީހުން ގެއްލިފައިވާ ކަމަށް ވެސް ޑީއެމްސީން ބުންޏެވެ. މިހާތަނަށް ވަނީ ވަޅުލެވިފައިވާ 57 މީހެއްގެ ހަށިގަނޑު ބިންގަނޑު ތެރޭން ނަގައިފަ އެވެ.
ފެންބޮޑުވުމާއި ބިންގަނޑު ފޭބުމުން ވަނީ 92 މީހުން މަރުވެފައި
މިހާތަނަށް ވަނީ 109 މީހުން ގެއްލިފައި
185،000 މީހުން ވަގުތީ ހިޔާވަހިތަކަށް ބަދަލުކޮށްފައި
ބައި މިލިއަނެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައި
މިހާތަނަށް ވަނީ 57 މީހަކު ބިންގަނޑު ތެރޭން ނަގާފައި
ވިއްސާރައިގައި ވަރަށް ބޮޑަށް ގެއްލުން ލިބުނު ކެގާލީގެ އަރަނައިކަ އަވަށުން ބިންގަނޑު ދަށުން އާދިއްތަ ދުވަހު ވެސް ވަނީ ހަތް މީހުން ނަގައިފަ އެވެ. މީހުން ހޯދުމުގެ އޮޕަރޭޝަން ހޯމަ ދުވަހު ވެސް ވަނީ ކުރި އަށް ގެންގޮސްފަ އެވެ. ފެން ބޮޑުވުމުގެ ސަބަބުން ވަނީ 185،000 މީހުން ވަގުތީ ހިޔާވަހިތަކަށް ބަދަލުކޮށްފަ އެވެ. ފެންގަނޑު ހިނދެން ފެށުމުން ގިނަ މީހުން މިހާރު ވަނީ އިރު އުތުރުގެ ހިސާބުތަކަށް އަނބުރާ ދާން ފަށައިފަ އެވެ.
ކޮލަމްބޯ މުނިސިޕަލް ކައުންސިލްގެ މެޑިކަލް އޮފިސަރު ރުވާން ވިޖަޔަމުނީ ވިދާޅުވީ ބޭރަށް ހިންގުމާއި ހަމުގެ ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ. މޯބައިލް މެޑިކަލް ޔުނިޓްތައް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. ފެންގަނޑު ހިނދުމާ އެކު ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ ސާފު ކުރުމާއި ކުނި އުކާލުމެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރި ވިއްސާރައިގެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ބަނގްލަދޭޝް އަށް އެރުމުން ވަނީ 24 މީހުން މަރުވެފަ އެވެ. ރޯނުގެ ނަން ދީފައިވާ އެ ތޫފާނުގެ ބާރު ވެސް މިހާރު ވަނީ ކުޑަވެފަ އެވެ.