މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމ ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ވޯޓާ ސޭފްޓީ ޕްރޮގްރާމް" ގެ ދަށުން 19 ރަށެއްގައި ބީޗް ސްކައުޓުން (ލައިފް ގާޑުން) ބައިތިއްބަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، 19 ރަށް ކަނޑައެޅުމުގައި ބެލީ މިދިޔަ އަހަރުގެ ނިޔަލަށް 100 ޓޫރިސްޓް އެނދު ގާއިމް ކޮށްފައިވާ ރަށްތަކަށް ކަމަށެވެ. މި ރަށްތަކުގައި މޫދަށް އެރޭ ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭ ސޭފްޓީ ބޯޑު ވެސް ބަހައްޓަން ވަނީ ނިންމައިފަ އެވެ.
ބީޗް ސްކައުޓުން ބައިތިއްބާ ރަށްތައް
- މާލެ
- ހުޅުމާލެ
- ވިލިމާލެ
- ބ. ދަރަވަންދޫ.
- އއ. ރަސްދޫ.
- އއ ތޮއްޑޫ.
- އއ. އުކުޅަސް.
- އދ. ދިގުރަށް.
- އދ. ހަންޏާމީދޫ
- ކ. ދިއްފުށި
- ކ. ގުޅި.
- ކ. ގުރައިދޫ.
- ކ. ހިންމަފުށި.
- ކ. ހުރާ.
- ކ. މާފުށި.
- ކ. ތުލުސްދޫ.
- ވ. ތިނަދޫ.
- ލ. ގަން.
- އައްޑޫ.
މި ރަށްތަކުގައި ބީޗް ސްކައުޓުންގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މި މަހުގެ 16 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ވަޒީފާ އަށް ހުށަހަޅާ މީހުންގެ އިންޓަވިއު އޮންނާނީ މި މަހުގެ 22-30 އަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ބީޗް ސްކައުޓުންގެ ގޮތުގައި ތިބޭ މީހުން މޫދަށް ފައިބައި، ޓޫރިސްޓުންނަށް ސަލާމަތި ކަންތައްތަކުގެ އިރުޝާދާއި އެ ދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާ ބެހޭ މައުލޫމާތު ދޭން ޖެހޭނެ އެވެ. އަދި މޫދަށް އެރި އުޅޭއިރު ސަލާމަތީ މިންގަނޑު ހިފަހައްޓާތޯ ވެސް މި ސްކައުޓުން ބަލާނެ އެވެ.
މީގެ އިތުރުން، މޫދަށް އެރި އުޅޭއިރު އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި ލައިފް ސޭވިން އިކުއިޕްމެންޓާއި އިމަޖެންސީގައި ބޭނުންކުރާ އާލާތްތައް ބޭނުން ކުރާނެ ގޮތް އެނގެން ޖެހެ އެވެ.
މި ވަޒީފާއަށް ކުރިމަތިލާ މީހުންގެ ތެރެއިން ހޮވޭ މީހުންނަށް އެމްއެންޑީއެފުން ތަމްރީނު ދޭނެ އެވެ. އެ މީހުން ވަޒީފާ އަށް ނުކުންނާނީ އަންނަ މަހުގެ ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.