ބީޗް ސްކައުޓުންނަށް (ލައިފް ގާޑުން) ކުރިމަތިލާން ޓުރިޒަމް މިނިސްޓްރީން ހުޅުވާލި ފުރުސަތު މި ހަފްތާގެ ބުރާސްފަތި ދުވަހަށް އިތުރުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖޭގެ 19 ރަށެއްގައި ބީޗް ސްކައުޓުން ބޭތިއްބުމަށެވެ. އެ މަގާމަށް ކުރިމަތިލާން މި މަހު ހަތެއްގައި ފުރަތަމަ އިއުލާންކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުނެވެ. އަލުން ފުރުސަތު ދިނީ އެހެންވެގެންނެވެ.
ބީޗް ސްކައުޓު ބައިތިއްބަން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް 100 ޓޫރިސްޓް އެނދު ހުރި ރަށްރަށެވެ. މި ރަށްރަށުގައި މޫދަށް އެރޭ ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭ ސޭފްޓީ ބޯޑު ވެސް ބަހައްޓަން ވަނީ ނިންމައިފަ އެވެ.
ޓޫރިސްޓުންނަށް ސަލާމަތީ ކަންތައްތަކުގެ އިރުޝާދާއި އެ ދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާ ބެހޭ މައުލޫމާތު ވެސް ބީޗު ސްކައުޓުން ދޭން ޖެހެ އެވެ. އަދި މޫދަށް އެރި އުޅޭއިރު ސަލާމަތީ މިންގަނޑު ހިފަހައްޓާތޯ ވެސް ބަލާނީ އެ މީހުންނެވެ.
މޫދަށް އެރި އުޅޭއިރު ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި ލައިފް ސޭވިން އިކުއިޕްމެންޓާއި އިމަޖެންސީއަށް ހާއްސަ އާލާތްތައް ބޭނުންކުރަން ވެސް ބީޗު ސްކައުޓުންނަށް އެނގެން ޖެހެ އެވެ.
ބީޗް ސްކައުންޓަށް އެމްއެންޑީއެފުން ތަމްރީނު ދޭނެ އެވެ. އެ މީހުން ވަޒީފާ އަށް ނުކުންނާނީ އަންނަ މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.