މަރުވެފައި އޮއްވާ 2012 ވަނަ އަހަރު ފެނުނު އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާާ/ބަތަލާ ވިޓްނީ ހިއުސްޓަންގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ޑޮކިއުމަންޓްރީ ފިލްމް "ވިޓްނީ: ކޭން އައި ބީ މީ" އަންނަ ބުދަ ދުވަހު ނިއު ޔޯކްގައި ފަށާ ޓްރިބެކާ ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.
މި ޑޮކިއުމަންޓްރީ ހަދާފައި ވަނީ މީގެ ކުރިން "ކާޓް އެންޑް ކޯޓްނީ" އާއި "ބިގީ އެންޑް ޓްޕަކް" ފަދަ ޑޮކިއުމަންޓްރީތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ނިކް ބޫމްފީލްޑެވެ.
އޭނާ ބުނީ ވިޓްނީގެ ޑޮކިއުމަންޓްރީ ހަދަން ކުރި މަސައްކަތަކީ އުނދަގޫ އަދި ހުރަސްތައް ގިނަ ތަޖުރިބާއެއް ކަމަށެވެ. ހާއްސަކޮށް، މި ޑޮކިއުމަންޓްރީ ހެދުމަށް ވިޓްނީއާ ގުޅުން ހުރި ފަރާތްތަކުން އެއްބާރުލުން ނުލިބޭ ކަމަށް ބުންޏެވެ.
ނަމަވެސް ވީހާ ވެސް އިންސާފުވެރިކަމާ އެކު، ހަގީގަތް ހާމަކޮށް ދެވޭ ގޮތަށް "ވިޓްނީ: ކޭން އައި ބީ މީ" ގެ މަސައްކަތްކޮށްފައިވާނެ ކަމަށް ނިކް ބުންޏެވެ. އަދި މިއީ އެއްވެސް ބަޔަކަށް ކުޑައިމީސްވާ ގޮތަކަށް އަދި އެހެން ބައެއްގެ ބޮލުގައި އެއްވެސް އިލްޒާމެއް އެޅޭ ގޮތަށް އެއްވެސް މަންޒަރެއް ދައްކުވައި ދޭނެ އެއްޗެއް ނޫން ކަމަށް ބުންޏެވެ.
"މީތި ނަހަދަން އަހަރެމެންނަށް އެބަހުރި ވަރަށް ގިނަ ފަހަރަށް އަންގާފައި ވެސް،" ނިކް ބުންޏެވެ.
މި ޑޮކިއުމަންޓްރީގައި ވިޓްނީގެ ކުޑައިރުން ފެށިގެން ގޮސް އޭނާގެ ކުއްލި މަރާ ހަމައަށް، ހަޔާތުގެ ސޮފްހާތަކުގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދޭނެ އެވެ. އަދި މީގެ ކުރިން އޭނާއާ ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ވާހަކަތަކެއް ޑޮކިއުމަންޓްރީން އެނގިގެން ދާނެ ކަމަށް ނިކް ބުންޏެވެ.
"ވިޓްނީ: ކޭން އައި ބީ މީ" ގައި ވަނީ ހިއުސްޓަން، 43، ގެ ބައެއް ޓުއާތަކުގެ ފުޓެޖް ވެސް ހިމަނައިފަ އެވެ. އޭގެ ތެރޭގައި 1999 ގެ ޓުއާ ފާހަގަކޮށްލެވެ އެވެ.
ވިޓްނީގެ މަރުގެ ސީދާ ހަގީގަތް އަދިވެސް ސިއްރެއްގެ ގޮތުގައި އޮތް އިރު، ބައެއް މީހުން ލަފާ ކުރާ ގޮތުގައި އޭނާ މަރުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެއަށް ދެވި ހިފައިގެންނެވެ.
އޭނާ ކެލިފޯނިއާގެ ބެވަލީ ހިލްޓަން ހޮޓަލުގެ ކޮޓަރިއެއްގެ ފާހާނާގެ ބިލިގާއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ފެބްރުއަރީ 11، 2012 ގަ އެވެ.
ހަތް އަލްބަމް ނެރެ، ބައެއް ފިލްމްތައް ވެސް ކުޅެފައިވާ ވިޓްނީ އެންމެ ފަހުން ނެރުނު އަލްބަމަކީ އައި ލުކް ޓް ޔޫ (2009) އެވެ.
ބޮޑީގާޑް (1992) ފަދަ ފިލްމްތައް ކުޅެފައިވާ ވިޓްނީ އެންމެ ފަހުން ކުޅުނު ފިލްމް ސްޕާކަލް (2012) ނެރުނީ އޭނާ މަރުވިތާ ހަތް މަސް ފަހުން އޮގަސްޓް 17، 2012 ގަ އެވެ.