މީގެ އަށް އަހަރު ކުރިން މަރުވި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިޓްނީ ހިއުސްޓަންގެ ބައޮގްރަފިކަލް ޑްރާމާ "އައި ވޮނަ ޑާންސް ވިތު ސަމްބޮޑީ" ގެ ބަތަލާ އަކީ ނިއޯމީ އެކީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވެރައިޓީން ބުނި ގޮތުގައި "ލޭޑީ މެކްބެތު" އާއި "ޔާޑީ" ފަދަ ފިލްމުތައް ކުޅުނު 28 އަހަރުގެ ބަތަލާއާ އެކު ސޮނީ ޕިކްޗާޒް އިން އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ އިރު، ފިލްމަށް އޭނާގެ ސޮއި ކަށަވަރުވުމާ އެކު އެކަން ރަސްމީކޮށް އިއުލާންކުރާނެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައި ވޯކާ" ގެ ރޯލެއް ވެސް ކުޅުނު ނިއޯމީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "އެޑިއުކޭޝަން" އާއި "ދަ ސްކޯ" ހިމެނެ އެވެ.
ވިޓްނީގެ ބައޮޕިކް "އައި ވޮނަ ޑާންސް ވިތު ސަމްބޮޑީ" އަކީ 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ބޮހީމިއަން ރާޕްސޮޑީ" ގެ ސްކްރީންރައިޓަރު އެންތަނީ މެކާޓެންގެ ސްކްރީންޕްލޭއަކަށް ސްޓެލާ މެގީ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިނީ މި އަހަރުގެ "ދަ ފޮޓޯގްރާފް" އެވެ.
ސްޓެލާ ޑައިރެކްޓްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި ދަ ވީކެންޑް (2018) އާއި އިވްރީތިން، އިވްރީތިން (2017) އަދި ޖީން އޮފް ދަ ޖޮނެސިސް (2016) ހިމެނެ އެވެ.
ސިނަމާތަކަށް ފިލްމު ގެންނާނީ ނޮވެމްބަރު 24، 2022 ގަ އެވެ.
މީގައި ވިޓްނީގެ ހަޔާތުގެ ސޮފުހާތައް ކިޔައިދޭނެ އެވެ. ވިޓްނީ މަރުވީ ފެބްރުއަރީ 11، 2012 ގަ އެވެ. މަރުވި ސަބަބަކަށް ވަނީ ބިލިގާތެރެއަށް ގެނބިގެންނެވެ. ހިތުގެ މައްސަލަތަކެއް ވެސް ހުރި ފަންނާނު އޭރު ކޮކެއިން ވެސް ބޭނުންކޮށްފައިވާ ކަމަށް ޓެސްޓްތަކުން ދައްކާފައިވެ އެވެ.
ވިޓްނީ އަކީ އެމެރިކާގައި އުފެދުނު އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެކެކެވެ.