މިޝިގަން (ނޮވެމްބަރު 20) - ޕޮލެންޑުގެ ސޮސެޖް ވިއްކާ ފިހާރައެކެވެ. އިރުމަތީ ޔޫރަޕުގެ ބޭކަރީއެކެވެ. ޔަމަނުގެ ޑިޕާޓްމަންޓް ސްޓޯރެކެވެ. އަދި ބަންގްލަދޭޝްގެ ހެދުން ވިއްކާ ފިހާރައެކެވެ. ފައްޅިތަކުގެ ރަނގަބީލާ އެއްވަރަށް މިސްކިތްތަކުން ބަންގީގެ އަޑު އިވެ އެވެ.
"ދެ އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި މުޅި ދުނިޔެ" - ހެމްޓްރެމިކްގެ މީހުން ސްލޯގަންއެއްގެ ގޮތުގައި ބޭނުންކުރެ އެވެ.
ފަސް އަކަ ކިލޯމީޓަރެއްހާ ސަރަހައްދުގައި ދުނިޔޭގެ 30 ބަހަކުން ވާހަކަ ދައްކަ އެވެ.
އާބާދީގައި 28،000 މީހުން ހިމެނޭ ސިޓީ އަށް މި މަހު ވަނީ ވަރަށް ޚާއްސަ ކަމެއް ހާސިލްކުރެވިފަ އެވެ. ހެމްޓްރެމިކުގެ ސިޓީ ކައުންސިލަށް މުޅިން ވެސް ވަނީ މުސްލިމުން އިންތިޚާބުކޮށްފަ އެވެ. އަދި އެ ސިޓީގެ މޭޔަރަކީ ވެސް މުސްލިމެކެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް މުޅިން ވެސް މުސްލިމުން ހިމެނޭ ސަރުކާރެއް ގާއިމްކުރި ފުރަތަމަ ސިޓީ އެވެ.
އެއްދުވަސްވަރެއްގައި ތަފާތުކުރުންތަކާ މުސްލިމުންނަށް ކުރިމަތިލާން ޖެހުނު ނަމަވެސް މިހާރު ހެމްޓްރެމިކުގައި އެއީ ބާރުގަދަ ބައެކެވެ. އެ ސިޓީގެ އާބާދީގައި ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ މުސްލިމުންނެވެ.
ހެމްޓްރެމިކުގައި ތަފާތު ދީންތަކާއި ނަސްލުތައް އަދި ތަފާތު ސަގާފަތުގެ މީހުން ދިރިއުޅުނު ނަމަވެސް އެންމެން ވެސް އުޅެނީ ވަރަށް ހަމަޖެހިގެންނެވެ.
ޕޮލެންޑުގެ ގިނަ ބަޔަކު ހެމްޓްރެމިކަށް ކުރިން ހިޖުރަކުރި ނަމަވެސް ވޭތުވެދިޔަ ތިރީހަކަށް އަހަރަށް ބަލާއިރު އެ ސިޓީ އަށް އެންމެ ގިނައިން ހިޖުރަކޮށްފައި ވަނީ އަރަބިންނާއި އޭޝިއާގެ މީހުންނެވެ. ޚާއްސަކޮށް ޔަމަނާއި ބަންގްލަދޭޝް މީހުންނެވެ. ހެމްޓްރެމިކުގެ އާބާދީގެ 42 ޕަސެންޓަކީ ހިޖުރަކޮށްފައިވާ މީހުންނެވެ.
ހެމްޓްރެމިކުގެ ސިޓީ ކައުންސިލަށް ބަލާއިރު ބެންގާލީ ދަރިކޮޅުގެ ދެ މެންބަރުންނާއި ޔަމަން ދަރިކޮޅުގެ ތިން މެންބަރުން އަދި ޕޮލެންޑް ދަރިކޮޅުގެ އެކަކު ހިމެނެ އެވެ. އެއީ ފަހުން އިސްލާމްވެފައިވާ މީހެކެވެ.
ވޯޓުގެ 68 ޕަސެންޓް ހޯދައިގެން އަމީރު ޣާލިބަކީ އެމެރިކާގެ ސިޓީއެއްގެ ފުރަތަމަ މުސްލިމް މޭޔަރެވެ. އޭނާ އަކީ ޔަމަން ދަރިކޮޅުގެ މީހެކެވެ.
"މިއީ ވަރަށް ބޮޑު ޝަރަފެއް. އަދި އަހަރެންގެ ޒިންމާ ވެސް އެހާބޮޑު،" ޣާލިބް، 41، ބުންޏެވެ.
ޔަމަނުގެ އަވަށަކަށް އުފަން ޣާލިބް ހެމްޓްރެމިކަށް ހިޖުރަކުރީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ.
މީގެ ހަ އަހަރު ކުރިން ހެމްޓްރެމިކަށް ވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެއް ހޮވައިފަ އެވެ.
އެމެރިކާގެ ސެންސަސް ބިއުރޯއިން މައުލޫމާތު އެއްކުރާއިރު ދީންތަކުގެ މައުލޫމާތެއް ނުހޯދަ އެވެ. ނަމަވެސް ޕިއު ރިސާޗް ސެންޓަރުން ބުނި ގޮތުގައި އެމެރިކާގެ އާބާދީގައި މިހާރު 3.85 މިލިއަން މުސްލިމުން ހިމެނެ އެވެ. އެއީ އެ ގައުމުގެ އާބާދީގެ 1.1 ޕަސެންޓެވެ. އަދި 2040 އާ ހަމައަށްދާއިރު އެމެރިކާގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން ތަބާވާ ދީނަކަށް އިސްލާމް ދީންވާނެ އެވެ. އެމެރިކާގެ ގިނަ މީހުން ގަބޫލް ކުރަނީ ކްރިސްޓިއަން ދީނެވެ.
އެމެރިކާގެ ކޮންގްރެސްގައި ވެސް މުސްލިމް ހަތަރު މެންބަރުން މިހާރު ހިމެނެ އެވެ.