13 ޖެނުއަރީ 2022 - 15:28
ސްރީ ލަންކާގެ ޖަލެއްގައި 2012 ވަނަ އަހަރު ހިންގި ގަތުލުއާންމާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން، އެ ގައުމުގެ ޖަލުތަކުގެ ވެރިޔާގެ މަގާމުގައި ހުންނެވި އެމިލް ލަމަހެވާގޭ މެރުމަށް އެ ގައުމުގެ ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ވެލިކަޑަ ޖަލުގައި، ގައިދީންތަކެއް ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ޖަލު ބަލަހައްޓާ އޮފިސަރުން، ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކޮށް ބަޑި ޖެހުމުގެ ސަބަބުން، ގައިދީންގެ ތެރެއިން 27 މީހަކު މަރުވި އެވެ. އަދި އިތުރު އެތައް ގައިދީންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދޭން ޖެހުނެވެ.
ޖަލުތަކުގެ ވެރިޔާގެ މައްޗަށް، މީހުން މެރުމުގެ ކުށް ސާބިތުވިޔަސް، އޭނާއާ އެކުގައި ދައުވާ އުފުލި ފުލުހުންގެ ކޮމާންޑޯ އޮފިސަރެއް ކަމަށްވާ މޯސެސް ރަންގަޖީވާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި އެވެ.
ކޮޅުނބުގެ ޖަލުގައި ހަމަނުޖެހުން އުފެދުނީ، ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓާ އޮފިސަރުން ބޭނުންކުރާ ހަތިޔާރު ގުދަނަށް ގައިދީންގެ ބަޔަކު ވަދެގަނެ، އެ ތަނުން ހަތިޔާރު ނަގައި ޖަލު ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުންނެވެ. އެ ހަމަނުޖެހުން މައިތިރިކޮށް ގައިދީންގެ އަތުން ހަތިޔާރުތައް އަތުލެވުނީ، ފުލުހުންގެ ކޮމާންޑޯ ލަޝްކަރު ބޭނުންކޮށްގެންނެވެ.
ދައުލަތުގެ ވަކީލުން ކޯޓުގައި ބުނި ގޮތުގައި، އެ ހަމަނުޖެހުން މައިތިރި ކުރުމަށް ފަހު، ޖަލު އޮފިސަރުން ވަނީ ވަކިވަކި އަށް ގައިދީއެއްގެ ނަން ގޮވައިގެން ނެރެ، އެމީހުންގެ ގަޔަށް ބަޑިޖަހައި މަރައިފަ އެވެ. އަނެއް 21 ގައިދީން މަރުވީ، ކޮމާންޑޯ ފުލުހުން ގައިދީން މައިތިރިކުރުމަށް ހަމަލާ ދިނުމުގެ ތެރޭގަ އެވެ.
ދައުލަތުގެ ފަރާތުން ބުނި ގޮތުގައި ގައިދީން މައިތިރި ކުރުމަށް ފަހު، ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓާ އޮފިސަރުން ވަނީ، ގައިދީން ގެންގުޅުނު ހަތިޔާރުތަކުން ޖަލުގެ ސެކިއުރިޓީ ގާޑުންނަށް ހަމަލާ ދޭން ގައިދީން މަސައްކަތް ކުރި ކަން ދޭހަވާ ގޮތަކަށް މަންޒަރު އުފައްދައިފަ އެވެ. ޖަލުގެ ގައިދީން މައިތިރި ކުރުމަށް ބަޑި ޖެހުމަށް އަމުރުކުރީ ކާކު ކަމެއް، ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބިރިންބެއްޔާގެ ކުޑަސޮރު
13 January 2022
ކޮންމެގައުމެއްގާވެސް ގައިދީންނަކީ ހާދަ މައުސޫމުބައެކޭ.
މައުމޫން343
13 January 2022
ޖައްވަށް، ފަޒާގެ ތެރެއަށް ޖެހިނަމަ ތިހެން ނުވީސް