ކޮލަމްބޯ (ޖެނުއަރީ 20) - ސްރީ ލަންކާގައި އެންމެ ފަހުން ހުޅުވި ޖަލުގައި ގައިދީންނަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ޖަލުގެ ގާޑުން ގައިދީން ބޭރަށް ނެރެ ކުޑަކަކޫ މައްޗަށް ތިރިކޮށް ލަޓިބުރިން ތަޅާ މަންޒަރުގެ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. ޖަސްޓިސް މިނިސްޓަރު ތާލަތާ އަތުކޮރާލް ވިދާޅުވީ އެ މަންޒަރުތައް ފެނިފައި ޝޮކެއް ލިބުނު ކަމަށެވެ. އަދި އަންގުނަކޮލަޕަލެސާ ޖަލުގައި ހިނގި ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"ގައިދީންނަށް ކުރި އަނިޔާ ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރަން. އަދި އެކަމުގައި ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނަން،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަތުކޮރާލް ވިދާޅުވި އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ޖަލުގެ ގޮޅިތަކުން ކޯޓްޔާޑަށް މީހުން ނެރެ، ކުޑަކަކޫ މައްޗަށް ތިރިކޮށް ޖަލުގެ ގާޑުންގެ ގިނަ ބަޔަކު ގައިދީންނަށް އަނިޔާކުރާ މަންޒަރު ފެނެ އެވެ.
އަތުކޮރާލް ވިދާޅުވީ މިނިސްޓްރީ ލެވެލްގައި އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި އޭގެ އިތުރުން ޕްރިޒަން ޑިޕާޓްމަންޓުން ވަކި ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ނޮވެމްބަރު މަހު ތެރޭ އެ ހާދިސާ ހިނގަން މެދުވެރިވީ ގައިދީންނާއި ގާޑުންނާ ދެމެދު ކުރިން ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެ މައުލޫމާތު އެނގުނީ އަނިޔާކުރާ ވީޑިއޯ އާއްމުވުމުން ކަމަށް ވިދާޅުވި އެވެ. ސޯޝަލް މީޑިއާގައި ލީކުކޮށްލާފައި ވަނީ ޖަލުގެ ސީސީޓީވީގެ މަންޒަރުތަކެކެވެ.
މޮޑެލް ކަރެކްޝަނަލް ފެސިލިޓީއެއްގެ ގޮތުގައި އަންގުނަކޮލަޕަލެސާ ޖަލު ހުޅުވީ އޮކްޓޯބަރު 2017 ގަ އެވެ. އެ ޖަލުގައި 2،000 ގައިދީންގެ ޖާގަ އޮވެ އެވެ. ލަންކާގެ އެހެން ޖަލުތައް ގޮތަށް އެއީ ބައިގިނަ ޖަލެއް ނޫނެވެ.
ލަންކާގެ އެންމެ ބޮޑު ޖަލުގައި 2012 ވަނަ އަހަރު ހިންގި ހަމަނުޖެހުމުގައި 27 މީހުން މަރުވި އެވެ.