އެމެރިކާ މިފަހަރު ވީޓޯއެއް ނުކުރި، އިޒްރޭލާ ދެކޮޅު ގަރާރު ފާސްކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 24) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ނުކުރުމާ އެކު ފާސްކޮށްފި އެވެ.


ގަރާރަށް ވަކިކޮޅަކަށް އެމެރިކާ އިން ވޯޓު ދީފައިވާ ނުވާ އިރު މި ގަރާރު ވީޓޯ ކުރުމަށް އިޒްރޭލުން ވަނީ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ އެހީ އަށް ވެސް އެދިފަ އެވެ. އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީއާ ޑްރަމްޕް ފޯނުން ވާހަކަ ދެއްކެވުމަށް ފަހު އެންމެ ފަހު ވަގުތު މިސްރުން ވަނީ ގަރާރު އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ މި ގާރާރު ސަލާމަތީ މަޖިލީހަށް އަލުން ހުށަހަޅާފައި ވަނީ ނިއު ޒީލެންޑް، ވެނެޒުއެލާ، މެލޭޝިއާ އަދި ސެނެގާލް ގުޅިގެންނެވެ.

ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރީ 14 ގައުމުގެ ތާއީދާ އެކު އެވެ. ފަނަރަ މެންބަރުންގެ ތެރޭން ވަކިކޮޅަކަށް ވޯޓު ނުދެނީ އެމެރިކާ އެވެ. ވޯޓުގެ ކުރިން އޒްރޭލުގެ އޮފިޝަލުން ވަނީ ޔަހޫދީ ދައުލަތް ދޫކޮށްނުލުމަށް އެމެރިކާ އަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

އިޒްރޭލުގެ ސަފީރު ޑެނީ ޑެނޮން ވެސް ވަނީ ވޯޓަށް ފަހު އޮބާމާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އެންމެ ބޮޑު އެކުވެރިޔާ މި ފަހަރު އެ ގައުމު ދޫކޮށްލި ނަމަވެސް އެމެރިކާގެ އާ ސަރުކާރާއި އދ. ގެ އާ ސެކްރެޓްރީ ޖެނެރަލާ އެކު އިޒްރޭލާއި އދ. ގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ރަނގަޅު ވާނެ ކަމަށެވެ.

ބޮޑު ވަޒީރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ވެރިކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރާ އެކު މާ ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް ބުނެފަ އެވެ.

ވޯޓުގެ ކުރިން ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސަފީރު ސަމަންތާ ޕަވާ ވިދާޅުވީ ގަރާރު ފާސްވާން ފުރުސަތު ދީފި ނަމަ ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމަތީގެ ސުލްހަ އަށް ހޯދަން އުޅޭ ސުލްހަ ނުހޯދޭނެ ކަމަށެވެ. އަދި އެމެރިކާ އިން ވޯޓު ދޭ ގޮތަކީ އިޒްރޭލުގެ ސަލާމަތާ މެދު އެމެރިކާ އިން އިހުމާލުވުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ނެރުއްވި ބަޔާނެއްގައި ވެސް ވަނީ އެމެރިކާ އިން ވޯޓު ދީފައި ވަނީ ދެ ދައުލަތް ގާއިމްކޮށް އިޒްރޭލާއި ފަލަސްތީނަށް ސުލްހަ ހޯދަން ފަސޭހަވާނެ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އދި އެމެރިކާގ ކޮންމެ ރައީސެއްގެ ވެސް ވިސްނުމަކީ އެއީ ކަމަށް ކެރީ ވިދާޅުވި އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓުވުމާ ބެހޭ ގޮތުން 2011 ވަނަ އަހަރު ވެސް ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. ނަމަވެސް އެ ގަރާރު އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ. ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ހުރިހާ ބިމެއްގައި އިޒްރޭލުން ޔަހޫދީންނަށް ހިންގާ ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި އެއީ ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމައްޗަށް ސުލްހަ ހޯދަން ކުރާ އުއްމީދަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.