މޫސަލް ހިފުމުގެ ހަނގުރާމައިގެ ދެ ވަނަ ފިޔަވަހި ފަށައިފި

ބަޣުދާދު (ޑިސެމްބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން އިރާގުގެ މޫސަލް ހިފުމުގެ ހަނގުރާމައިގެ ދެ ވަނަ ފިޔަވަހި މިއަދު ފަށާފައިވާ ކަމަށް ސިފައިންގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.


އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ ހިފުމުގެ އޮޕަރޭޝަން ބޮޑު ލަޝްކަރަކާ އެކު އިރާގު ސިފައިން ފެށީ އޮކްޓޯބަރު 17 ވަނަ ދުވަހު އެވެ. ނަމަވެސް ހަނގުރާމައިގެ ވަކި ހިސާބަކުން ވަނީ މަޑު ޖެހުމެއް ކުރިމަތިވެފަ އެވެ.

"ދެ ވަނަ ފިޔަވަހީގެ ދަށުން އިރާގުގެ ލަޝްކަރު މިހާރު ދަނީ މޫސަލްގެ ވާތް ފަރާތުންނާއި އަލް ގުދުސްއާ ދިމާލުން ކުރިއަރަމުން،" އިރާގުގެ ކައުންޓާ ޓެރަރިޒަމް ސާވިސްގެ ސްޓާފް ލެފްޓިނެންޓް ޖެނެރަލް އަބްދުލްޣަނީ އަލް އައްސަދީ ވިދާޅުވި އެވެ.

އިރާގު ސިފައިން މޫސަލްގެ އިރުމަތީގެ ހިސާބުތަކުގައި ތައްޔާރީ ހާލަތުގައި. --ފޮޓޯ:އޭއެފްޕީ

ޓައިގްރިސް ކޯރުން ބައިވެފައިވާ މޫސަލްގެ އިރުމަތީގެ ހިސާބުތަކަށް ކިޔަނީ އެ ސިޓީގެ ވާތް ފަރާތެވެ. އަދި ހުޅަނގުގެ ސަރަހައްދުތަކަކީ އެ ސިޓީގެ ކަނާތް ފަރާތެވެ.

ލެފްޓިނެންޓް ޖެނެރަލް ވިދާޅުވީ ވާތް ފަރާތުން ކުރިއަރާ އިރު އުތުރާއި ދެކުނުގެ ހިސާބުތަކުން ކުރިއަރާ އިރާގު ސިފައިންނަށް އައިއެސްގެ ރައްދު ހަމަލާތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. މޫސަލްގެ އުތުރާއި ދެކުނުން ކުރިއަރަން އޮތް ލަޝްކަރު މިހާތަނަށް އޮތީ ސިޓީގެ ބޭރުގައި މަޑުކޮށްފަ އެވެ.

އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ދާދި ފަހުން ވިދާޅުވެފައި ވަނީ އިރާގުން އައިއެސް ބޭރު ކުރަން އަދި ތިން މަސްވަރު ނަގާނެ ކަމަށްވެ. އާބާދީ ކުރިން ވިދާޅުވެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން މޫސަލް ހިފާނެ ކަމަށެވެ.

އައިއެސް އިން މޫސަލް ހިފީ ޖޫން، 2014 ގަ އެވެ. އެ ޖަމާއަތުގެ ޚިލާފަތު އިއުލާން ކުރީ ވެސް މޫސަލްގަ އެވެ.