ތުރުކީ ޓެރަރިސްޓުންގެ އަމާޒަކަށް ވީ ކީއްވެ؟

އަރަބި-އިސްލާމީ ދުނިޔެ އާއި ޔޫރަޕާ ދެމެދު ގުޅުވައިދޭ މައި ދޮރޯއްޓަކީ ތުރުކީ ވިލާތެވެ. ހަމަ އެފަދައިން އޭޝިޔާ އާއި ޔޫރަޕް ގުޅުވައިދޭ މައި ފާލަމަކީ ވެސް ތުރުކީ ވިލާތެވެ. ސްޓްރެޓީޖިކް ގޮތުންނާއި ޖިއޮގްރަފީ ގޮތުން މިހާ މުހިންމު ނުކުތާއެއްގައި އޮތް ތުރުކީ ވިލާތް މިއަދު ދަނީ ނާމާންވެ ނުރައްކާ ވަމުންނެވެ.

ސީރިޔާ އާއި އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ އެއް ބާރަކީ، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި އިސްލާމީ ދުނިޔެ އަށް ފާވެގެން އުޅޭ ޓެރަރިސްޓް ޖަމާއަތެވެ. އެ ޖަމާއަތް އިރާގާއި ސީރިޔާގައި ބަލިކަށިވަމުންދާ ވަރަކަށް ތުރުކީގައި ދޭ ޓެރަރިސްޓް ހަމަލާތައް ދަނީ ވަރުގަދަވަމުން ނުރައްކާވަމުން އަދި ގިނަ ވަމުންނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ސީރިޔާ ހަނގުރާމަ ފެށުނު އިރު ތުރުކީ ވިލާތް އޮތީ ވަކިކޮޅަކަށް ނުޖެހި އެވެ. އެއީ ސީރިޔާގެ އަމިއްލަ މައްސަލައެއް ކަމަށް ދެކިގެންނެވެ. ނަމަވެސް ސީރިޔާ ހަނގުރާމައިގައި ތުރުކީ ވިލާތް ދިޔައީ ނުސީދާކޮށް ބައިވެރިވަމުން ކަމުގައި ބުނެވިދާނެ އެވެ.

އައިއެސް ޖަމާއަތާ ބައިވެރިވެގެން "ޖިހާދު" ކުރުމުގެ ނަމުގައި ސީރިޔާ އާއި އިރާގުގައި ހަނގުރާމަ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުންގެ އެތައް ހާސް ބަޔަކު އެ ދެ ގައުމަށް ދިޔަ އެވެ. އައިއެސް ޖަމާއަތުގައި ބައިވެރިވުމަށް ދިޔަ ގިނަ މީހުން ސީރިޔާ އަށް އެތެރެވެފައިވަނީ ތުރުކީ ވިލާތުގެ ތެރެއިން ލައިފަ އެވެ.

ތުރުކީ ވިލާތާއި ސީރިޔާ ގުޅިފައިވާ ސަރަހައްދީ ރޮނގު، އައިއެސްގެ ހަނގުރާމަވެރިންނަށް އޭރު އޮތީ މިނިވަންކަމާ އެކު ހިލޭ ކަހަލަ ގޮތަކަށް ހުޅުވައިލެވިފަ އެވެ. ދުނިޔޭގެ އެތައް ގައުމަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް ތުރުކީ ވިލާތުން އެއީ މާ ބޮޑު ކަމެއް ކަމަކަށް ނުދެކުނެވެ. އަޅައެއް ނުލި އެވެ.

ނަމަވެސް އެކަމުގެ ހިތި ކަން ތުރުކީ ވިލާތަށް އިހްސާސް ކުރެވެން ފެށީ، ހަނގުރާމައިގެ ސަބަބުން ސީރިޔާ ދޫކޮށް ހިޖްރަ ކުރި އެތައް ލައްކަ ބަޔަކު ތުރުކީ ވިލާތަށް ވަންނަން ފެށުމުންނެވެ. ރެފިއުޖީން ތުރުކީ ވިލާތަށް ވަންނަމުން ދިޔަ އިރު، އެ މީހުންނާ އެކުގައި އެއިއެސްގެ ހަނގުރާމަވެރިން ވެސް އެތެރެ ވެފައިވާ ކަމަށް މައްސަލަ ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

މި މަހުގެ 5 ވަނަ ދުވަހު ތުރުކީގެ އިޒްމީރްގައި ދިން ކާރު ބޮމުގެ ހަމަލާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ތުރުކީ އަށް ވަނީ އައިއެސް ޖަމާއަތުގެ ނުރައްކާ ބޮޑުވެފައި. --ފޮޓޯ އީޕީއޭ

ސީރިޔާ އާއި އިރާގުގައި އައިއެސްގެ ބާރު ގަދަވެ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އާންމުވާން ފެށުމުން އެ މައްސަލައިގެ ތެރެއަށް ދުނިޔޭގެ ބޮޑެތި ބާރުތައް ވަދެ، އައިއެސްއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވި އެވެ. އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ގުޅިގެން އުފެއްދި ކޯލިޝަންގައި ތުރުކީ ވިލާތް ވެސް ބައިވެރިވި އެވެ.

އެހެންކަމުން އެ ކޯލިޝަންގައި ބައިވެރިވި ގައުމުތަކުގެ ކިބައިން ބަދަލު ހިފަން އައިއެސް ޖަމާއަތް ބޭނުންވި އެވެ. އެ ހުރިހާ ގައުމުތަކެއްގެ ތެރެއިން ވެސް އެންމެ ފަސޭހަ އިން އަތް ފޯރާ ފަށުގައި އޮތީ ތުރުކީ ވިލާތެވެ. އެ ކަމުގެ ނާޖާއިޒު ފައިދާ އައިއެސް އާއި އެ ފަދަ އެހެން ޖަމާއަތްތަކުން ވެސް ދަނީ ނަގަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރަޝިޔާ ސަފީރު ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނިކޮށް، ހުރިހާ ނޫސްވެރިންގެ ކުރިމަތީގައި ސަފީރުގެ ގަޔަށް ފިސްތޯލަ ޖަހައި ހުރި ފިޔަވަޅު މައްޗަށް މަރައި ވައްޓައިލި އެވެ. އެ ހަމަލާ ދިން މީހާގެ ހިތުގައި ވެސް އޮތީ ރަޝިޔާ އާއި ތުރުކީ ވިލާތުން ސީރިޔާ ހަނގުރާމައިގައި ހިންގާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ރޫހެވެ.

އައު އަހަރު ފާހަގަ ކުރުމަށް އިސްތަންބޫލްގެ ނައިޓް ކްލަބެއްގައި ބޭއްވި ޕާޓީގެ ތެރެއަށް ވަދެ ބަޑި ޖަހައި އެތައް ބަޔަކު މަރައިލުމަށް ފަހު އެކަމުގެ ޒިންމާ އުފުލީ ވެސް އައިއެސް ޖަމާއަތެވެ. އޭގެ ކުރިން ތުރުކީގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ ވެސް އެ ޖަމާއަތުން އުފުލާފައިވެ އެވެ.

ދޮޅު އަހަރުގެ ތެރޭގައި އެއް ގައުމެއްގައި ޓެރަރިޒަމްގެ 28 ހަމަލާ ދިނުމަކީ ކުޑަ ކަމެއް ނޫނެވެ. ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ސަލާމަތީ ކަންތައް ބަލަހައްޓަމުންދާ ގައުމެއްގައި، އަދި ނޭޓޯގެ މެންބަރު ގައުމެއްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ހަމަލާތަކެއް ދިނުމަކީ މުޅި ޔޫރަޕް ކަންބޮޑުވާ ކަމެކެވެ. އެ ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ސީރިޔާ ހަނގުރާމައިގައި ހަލާކު ކޮށްލާފައިވާ ޓޭންކެއް: ސީިރިޔާ ހަނގުރާމައިގައި ބައިވެރިވުމަށް އެކި ގައުމުތަކުން ދިޔަ މީހުން ސީިރިޔާ އަށް އެތެރެވުމުގައި މައި ދޮރޯއްޓަކަށް ބެލީ ތުރުކީ ވިލާތް.

އެފަދަ ކޮންމެ ހަމަލާއަކާ ވިދިގެން ތުރުކީ ސަރުކާރުން ބުނެ އެވެ؛ "ތުރުކީން ޓެރަރިޒަމް ބަލިކޮށްލާނަން." ސިޔާސީ މީހުން ބުނާނީ ވެސް އެފަދަ ވާހަކައެކެވެ. ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ނެތް އަދި އެއްވެސް ރޭވުމެއް ނެތި ބުނާ ބުނުމެއް ކަން ސާބިތުވަނީ، އޭގެ ފަހުން ދޭ ކުރިއަށް ވުރެ ނުރައްކާތެރި ހަމަލާތަކުންނެވެ.

މީގެ ތިން އަހަރު ކުރިން ތުރުކީ އަކީ، ޔޫރަޕް މީހުން ނަޒަރުގައި، ޗުއްޓީ ހޭދަކޮށްލަން ދިއުމަށް އެންމެ ކަމުދާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ގައުމެވެ. ނަމަވެސް މިއަދު ޔޫރަޕުން ތުރުކީއާ މެދު ދެކެނީ ދިމާ އިދިކޮޅަށެވެ.

ތުރުކީއަކީ ނޭޓޯގެ މެމްބަރު ގައުމަކަށް ވިޔަސް، އަދި ޒަމާނީ ހަތިޔާރުން މުއްސަނދި ގައުމަކަށް ވިޔަސް، ތުރުކީގައި ތުރުކީ ސަރުކާރަށް ވުރެ ޓެރަރިސްޓުންގެ ބާރާއި ނުފޫޒު ގަދަ އެވެ. ނަމަވެސް އެ ނުރައްކާ ކުރިމަތިވެގެން އެ އުޅެނީ، ތުރުކީ އާއި ވިލާތުގެ ގައުމުތަކުގެ ބައިވެރިވުމާ ވެސް އެކުގައި ސީރިޔާގައި އިންދި ވިހަ ގަދަ އޮށަކުން ފެޅި ގަހެއްގެ ހިތި މޭވާތަކުންނެވެ.