ޕެރޫގެ ދެކުނުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގައި މަދުވެގެން 17 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނި ގޮތުގައި އެންމެ ގިނަ މީހުން މަރުވީ ދެކުނުގައި އޮންނަ ޖޫލިއާސާ ސިޓީންނެވެ. އޭގެ އިތުރުން އެ ސިޓީއާ ޖެހިގެން އޮންނަ ޗުކުއިޓޯ އިން ވެސް ބައެއް މީހުން މަރުވި އިރު، އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ޕެރޫގައި ސަރުކާރާ ދެކޮޅަށް އާންމުން މުޒާހަރާ ކުރަމުން ދަނީ، އަވަސް އިންތިޚާބެއް ބޭއްވުމަށާއި، މިހާރު ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް ޕެޑްރޯ ކަސްޓީލޯ މިނިވަންކުރުމަށް ގޮވައިލަ އެވެ. އޭނާ ޖަލަށް ލީ، އޭނާ މަގާމުން އަޒުލުކުރުމުގެ މަސައްކަތް، ގާނޫނު ހަދާ މަޖިލީހުގައި ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، ގާނޫނު ހަދާ މަޖިލިސް އުވާލައްވަން މަސައްކަތް ކުރެއްވުމުގެ ކުށުގަ އެވެ.
އޭނާ މިހާރު ޖަލުގައި ހުންނެވީ ޝަރީއަތް ނިމެންދެން 18 މަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކޯޓުން ނިންމުމުންނެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގަ އެވެ.
ޕެރޫގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ޖޫލިއާސާ ސިޓީން އިއްޔެ މަރުވި މީހުންނަކީ، މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއިން، އެ ސަހަރުގައި އޮންނަ ވައިގެ ބަނދަރު ހިފުމަށް މަސައްކަތްކުރި ބައެއް މީހުންނެވެ. އޭގެ ތެރޭގައި ދެ ޒުވާނުން ވެސް ހިމެނެ އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ހަމަނުޖެހުން އެންމެ ބޮޑުވީ، އިއްޔެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ޕެރޫގެ ގާނޫނީ ހަމަތަކުގެ މަތިން ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބު ދެން އޮންނާނީ 2026 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް، މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި ރައްޔިތުންގެ މުޒާހަރާތަކާ ގުޅިގެން، އެ ދެ އިންތިޚާބު ވެސް 2024 ވަނަ އަހަރަށް އަވަސް ކުރުމަށް، މިހާރުގެ ވަގުތީ ރައީސް ދީނާ ބޮލުއާޓް ވެސް ތާއީދުކުރައްވަ އެވެ.
އޭގެ އިތުރުން، މުޒާހަރާތައް މައިތިރިކުރުމަށް ސަލާމަތީ ބާރުތަކުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމަށް މިނިވަން ތަހުގީގެއް ހިންގުމަށް ވެސް އޭނާ ތާއީދު ކުރައްވަ އެވެ. ނަމަވެސް، މުޒާހަރާ ކުރާ މީހުން މަގުތަކަށް ނުކުތުން ހުއްޓައިލުމަކަށް ނުވިސްނަ އެވެ.