ސީރިއާގެ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ދުވަސް ނާކާމިޔާބު

އެސްޓާނާ (ޖެނުއަރީ 24) - ސީރިއާގެ ސުލްހައިގެ ވާހަކަތައް ފެށި ފުރަތަމަ ދުވަހު ވެސް ކުރިއެރުމެއް ނުލިބި ނާކާމިޔާބުވެގެން ނިމިއްޖެ އެވެ.


ކަޒަކްސްތާނުގެ ވެރިރަށް އެސްޓާނާގައި ފެށި މަޝްވަރާތަކުގައި އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭން ބައިވެރިވާ ޔަހުޔާ އަލް އާރިދީ އޭއެފްޕީ އަށް ވިދާޅުވީ މިއަދަކީ މަޝްވަރާތަކުގެ ފަހު ދުވަހަށްވުން އެކަށީގެންވާ ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންނަށް ތާއީދުކުރާ ތުރުކީ އާއި ސީރިއާ ސަރުކާރަށް ތާއިދުކުރާ ރަޝިޔާގެ އިތުރުން އީރާނުގެ އޮފިޝަލުންނާ އިދިކޮޅު ހަނގުރާމަވެރިންގެ މަންދޫބުން ބައްދަލުކުރާނެ ކަމަށް އާރިދީ ވިދާޅުވި އެވެ.

މިއީ ސީރިއާގެ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން އިދިކޮޅު ހަނގުރާމަވެރިންނާއި ސަރުކާރުގެ އޮފިޝަލުން ސީދާ ސީދާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ސީރިއާގައި ދޭ ހަމަލާތައް ހުއްޓާލުމަށް މީގެ މަހެއްހާ ދުވަސް ކުރިން އެއްބަސްވެފައި ވަނީ ވެސް ރަޝިޔާ އާއި ތުރުކީ އަދި އީރާނުން ވަރަށް އިސް ދައުރެއް އަދާކޮށްގެންނެވެ. ރަޝިޔާގެ ވައިގެ ހަމަލާތަކުގެ އެހީއާ އެކު ސީރިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބުގެ ކޮންޓްރޯލް ސަރުކާރު ސިފައިން ހޯދި އިރު އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. ސީރިއާގެ ހަ އަހަރުވީ ހަނގުރާމައިގައި ވަނީ 310،000 މީހުން މަރުވެފަ އެވެ.