ބެއިޖިން (މެއި 20) - އަންނަ ހަފުތާގައި ބާއްވާ ޖީ20 ގެ ގައުމުތަކުގެ ޓުއަރިޒަމްގެ ބައްދަލުވުން ކަޝްމީރުގައި ބާއްވާތީ ޗައިނާ އިން އެ ބައްދަލުވުން ބޮއިކޮޓް ކޮށްފި އެވެ.
މި އަހަރުގެ ޖީ20 ގެ ޗެއާމަންޝިޕާ އިންޑިއާ އިން ހަވާލުވުމުން މި އަހަރުގެ ސެޕްޓެމްބަރު މަހު ނިއުދިއްލީގައި ބާއްވާ ޖީ 20 ގެ މައި ސަމިޓުގެ ކުރިން ޖީ20ގެ އެކި ދާއިރާތަކުގެ ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ ރާވައިފަ އެވެ. އެހެންވެ، ކަޝްމީރުގެ ސަރަހައްދުގައި ބައްދަލުވުން ބާއްވަން ނިންމުމުން އެ ސަރަހައްދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ކަޝްމީރުގައި ބައްދަލުވުން ބާއްވަން އިންޑިއާ އިން ނިންމުމުން ޕާކިސްތާނާއި ޗައިނާ އިން އެކަން ކުށްވެރި ކުރި އެވެ.
"ޖީ20 ގެ އެއްވެސް ކަހަލަ ބައްދަލުވުމެއް މައްސަލަ އުފެދިފައިވާ ސަރަހައްދުގައި ބޭއްވުމާ ޗައިނާ އިން ވަރަށް ބޮޑަށް ދެކޮޅު ހަދަން އަދި އެފަދަ ބައްދަލުވުންތަކުގައި ޗައިނާ ބައިވެރި ނުވާނެ،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވި އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި އަބަދުވެސް ދެބަސްވުންތައް އޮވެ އެވެ.
އެ ދެ ގައުމުން ވެސް މި ސަރަހައްދުގެ މިލްކުވެރި ކަމާ މެދު ދައުވާ ކުރެ އެވެ. ދެ ގައުމުން ވެސް ކޮންޓްރޯލް ކުރާ ސަރަހައްދުތަކެއް އޮވެ އެވެ. އިނގިރޭސިންގެ އަތް ދަށުން 1947 ވަނަ އަހަރު އެ ސަރަހައްދު މިނިވަންވި ފަހުން ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި ތިން ހަނގުރާމައެއް ކޮށްފައިވެ އެވެ.
އިންޑިއާގެ ގާނޫނުއަސާސީން ޖަންމޫ އަދި ކަޝްމީރަށް ދީފައިވާ ހާއްސަ ދަރަޖަ ބަދަލުކޮށް، ފެޑަރަލް ސްޓޭޓަކަށް 2019 ގައި ބަދަލުކުރުމުން އެ ސަރަހައްދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެވެ.