ރަޝިޔާ ސިފައިން ހިފުމަށް މަސައްކަތްކޮށް ނާކާމިޔާބުވި، ޔޫކްރޭންގެ ބަޚްމުތު ރަޝިޔާ ސިފައިންނަށް ހޯދައިދިނުމަށް ކުލީ ސިފައިންގެ ގުރޫޕް ވަގްނާގެ ހަނގުރާމަވެރިން ކުރި މަސައްކަތުގައި މަދުވެގެން 20000 ހަނގުރާމަވެރިން މަރުވި ކަމަށް އެ ޖަމާއަތުން މިއަދު ބުނެފި އެވެ.

އަހަރެއްހާ ދުވަހުގެ ހަނގުރާމަ އަށް ފަހު، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ބަޚްމުތު ހިފުނު ކަން ރަޝިޔާ ސަރުކާރުން އިއުލާން ކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އެ ސަރަހައްދު ހިފުނީ ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިން ކުރި ބުރަ މަސައްކަތުން ކަމަށް ވިދާޅުވެ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ އެ ގުރޫޕަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ވަގްނާ ގުރޫޕްގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ބުނި ގޮތުގައި ރަޝިޔާ ސިފައިންނަށް ބަޚްމުތު ހޯދައިދިނުމަށް ކުރި ހަނގުރާމަ އަށް އޭނާ ވަނީ 50000 ސިފައިން ތައްޔާރުކޮށް، އެ ސަރަހައްދަށް ފޮނުވައިފަ އެވެ. އެ ލަޝްކަރުގެ 20 ޕަސެންޓް ހަނގުރާމަވެރިން ބަޚްމުތުގައި މަރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

ވަގްނާ ގުރޫޕުގައި ހިމެނޭ ގިނަ ހަނގުރާމަވެރިންނަކީ އެ ޖަމާއަތާ އެކުގައި ހަދާފައިވާ ކޮންޓްރެކްޓެއްގެ ދަށުން ވަކި އުޖޫރައަކަށް ހަނގުރާމަކުރުމަށް ކުއްޔަށް ހިފާފައި ތިބި ބައެކެވެ. ޔޫކްރޭން ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނުކުންނާނެ މީހުން ހޯދުމަށް އެ ގުރޫޕްގެ ކޮމާންޑަރު މިދިޔަ އަހަރު ވަނީ، ރަޝިޔާގެ ބައެއް ޖަލުތަކަށް ޒިޔާރަކޮށް ބައެއް ގައިދީންނާ ވާހަކަ ދައްކައިފަ އެވެ.

ރަޝިޔާ ސަރުކާރުގެ ރުހުމާއެކު އޭނާ ގައިދީންނަށް ހުށަހެޅީ، ޔޫކްރޭންގައި ހަނގުރާމަ ކުރަން އެއްބަސްވާ ނަމަ، ޖަލު ހުކުމް މައާފްކޮށް މިނިވަން ކުރާނެ ކަމަށެވެ. އެކަމަށް އެއްބަސްވި ގިނަ އަދަދެއްގެ ގައިދީން މިނިވަންކޮށް ވަކި މުއްދަތަކަށް އަސްކަރީ ތަމްރީންތައް ދިނުމަށް ފަހު، ބަޚްމުތުގައި ހަނގުރާމަ ކުރުމަށް އެ ސަރަހައްދަށް ގެންދިޔަ އެވެ.

އޭގެ އިތުރުން އެ އަދަދާ ގާތްކުރާ މިންވަރަލަށް އެ ލަޝްކަރުގެ ހަނގުރާމަވެރިން ޒަޚްވި ކަމަށް ވެސް އޭނާ ބުންޏެވެ. އެތައް މަހެއް ވަންދެން ވަރުގަދަ ހަނގުރާމައެއް ކުރުމަށް ފަހު، ބަޚްމުތުން ޔޫކްރޭންގެ ސިފައިން ފައްސައިލެވުނު އިރު، މުޅި އެ ސަހަރު މިހާރު އޮތީ ސުންނާފަތިވެފަ އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި އެ ސަހަރުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓް މީހުން ވަނީ އެ ސަހަރުން ފައިބައިގެން ގޮސްފަ އެވެ.