ހަވާއީ (ޖޫން 20) - އެޓްލާންޓިކް ކަނޑުގެ އުތުރު ސަރަހައްދަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ބަލައިލުމަށް ފަސް މީހުންނާ އެކު އިއްޔެ އެ ސަރަހައްދަށް ފީނަމުން ދަނިކޮށް ގެއްލިފައިވާ ސަބްމެރިން، ޓައިޓޭން ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް، އެކަމުގައި އުޅޭ ތަޖުރިބާކާރުންގެ ޓީމުން ބުނެފި އެވެ.

ޓައިޓޭން އާއި ފެންމަތީގައި އޮންނަ އޭގެ މައި އުޅަނދު ޕޯލާ ޕްރިންސްއާ ދެމެދު މުވާސަލާތީ ގުޅުން ކެނޑުނީ، ޓައިޓޭން ފީނަން ފެށިތާ އެއް ގަޑިއިރާއި 45 މިނެޓް ފަހުންނެވެ. މައި އުޅަނދާ ގުޅުން ކެނޑުނީ ކީއްވެގެން ކަމެއް، އަދި ގުޅުން ކެނޑުނު އިރު ޓައިޓޭން އޮތީ ޓައިޓޭނިކްއާ ކިހާ ދުރުމިނެއްގައި ކަމެއް ވެސް ނޭނގޭ ކަމަށް، ޕޯލާ ޕްރިންސްގެ ކެޕްޓަން ބުނެ އެވެ.

އެމެރިކާގެ ކޯސްޓް ގާޑްގެ އޮފިޝަލުން ބުނާ ގޮތުގައި އެ ސަބްމެރިންގައި 70 ގަޑިއިރާއި 90 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭ ވަރަށް އޮކްސިޖަން ހުންނާނެ އެވެ. އެހެންކަމުން، އެ އުޅަނދުގައި ތިބި މީހުން ދިރިތިއްބައި ސަލާމަތް ކުރުމުގެ ވަގުތު އޮތީ އަންނަ ހުކުރު ދުވަހުގެ ހެނދުނާ ހަމައަށެވެ. ނަމަވެސް އުޅަނދުގައި ތިބި މީހުންގެ ހާސްކަމާއި ކަންބޮޑުވުން އިތުރު، އުޅަނދު ތެރޭގައި ހަރަކާތްތެރިވުން އިތުރުވާ ނަމަ، އެއަށް ވުރެ އަވަހަށް އޮކްސިޖަން ހުސްވާނެ އެވެ.

އެހެން ނަމަވެސް، ޓައިޓޭން ގެއްލުނު ހިސާބެއް އަދި އެ އުޅަނދު އޮތް ފުންމިނެއް ނޭނގުމަކީ، މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އޮތް ސަރަހައްދު އެނގުނު ނަމަވެސް، ޓައިޓޭނިކް ފެންނަ ހިސާބު ފުނުގައި އޮތް ނަމަ، އެ ހިސާބަށް ގޮސް އެ އުޅަނދު ސަލާމަތް ކުރުމަކީ ވަކިން ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.

މީގެ ކުރިން ކަނޑުގެ އެންމެ ފުނުން ސަލާމަތް ކޮށްފައިވަނީ، 1973 ވަނަ އަހަރު ކަނޑުގެ 1575 ފޫޓު ފުނުގައި ކުޑަ ސަބްމެރިންއެއްގެ ތެރޭގައި ތާށިވެފައި ތިބި ދެ މީހެކެވެ. އެ ދެ މީހުން ސަލާމަތް ކުރެވުނީ އޭގެ ތެރޭގައި ތާށިވެފައި ތިބޭތާ 76 ގަޑިއިރު ފަހުންނެވެ.

ނަމަވެސް ޓައިޓޭނިކް އޮތީ އެއަށް ވުރެ މާ ފުނުގައި، ކަނޑުގެ މަތީ ފަށަލައިން ފެށިގެން 13000 ފޫޓު އަޑީގަ އެވެ. ގެއްލުނު ސަބްމެރިން ވެސް އެހާ ފުނަށް ވެއްޓިފައިވާ ނަމަ، އެ ނެގުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އޭގެ އިތުރުން، އެ ސަބްމެރިން ގެއްލުނު ކަމަށް ލަފާކުރެވޭ ސަރަހައްދު، އައްސޭރިފަށާ ދުރުވެފައި، އެ ސަރަހައްދުގެ ކަނޑު ގަދަވުމަކީ ވެސް އިތުރު އުނދަގޫތަކެކެވެ.

ޓައިޓޭނިކް ބަލައިލުމަށް ޓައިޓޭން ކުރި މި ދަތުރުގައި ބައިވެރިވި ފަސް މީހުންގެ ތެރޭގައި، ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝަހްޒާދާ ދާވޫދާއި އޭނާގެ ފިރިހެން ދަރި ސުލައިމާން ދާވޫދުވެސް ހިމެނެ އެވެ. އެ ދެ މީހުންގެ އިތުރުން އޯޝަންގޭޓް އެކްސްޕެޑިޝަންސްގެ ވެރިޔާ ސްޓޮކްޓަން ރަޝް އާއި ފަރަންސޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ޕޯލް ހެންރީ އާއި އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ހެމިޝް ހާޑިންގް ވެސް ޓައިޓޭންގައި ވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެ އުޅަނދުގެ މައުލޫމާތު އެނގޭ މީހުން ބުނި ގޮތުގައި ޓައިޓޭންގައި ދަތުރުކުރާ މީހުން ތިބޭނީ އެ އުޅަނދުގެ ކެޕްސޫލެއްގެ ގޮތަށް އޮންނަ ބައިގަ އެވެ. މީހުން އެ ތަނަށް ވަނުމުން ދޮރު ލައްޕައި ތަޅުލާފައި ހުންނަނީ ވަރުގަދަ އަށް ބާރުކޮށްފައި ހުންނަ ހަތް ބޯލްޓުންނެވެ. އެތެރެއަށް ވަދެ ތިބޭ ބަޔަކަށް އެ ސަބްމެރިނުން ނުކުމެވޭނީ ބޭރުގައި ތިބި ބަޔަކު އެ ބޯލްޓްތައް ނައްޓުވައި ދޮރު ހުޅުވައިދިނިއްޔާ އެވެ.

އެހެންކަމުން ކަނޑު އަޑީގައި ތާށިވިޔަސް، ނުވަތަ ކަނޑު އަޑީގައި އޮއްވާ އެތެރެއަށް ލޮނު އެޅެން ފެށިޔަސް، އެތެރޭގައި ތިބި ބަޔަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. އަދި އެއިން ނުކުމެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ. ޓައިޓޭންގައި ކުރާ އަށް ދުވަހުގެ ދަތުރަކަށް އެކަކުގެ ޓިކެޓްގެ އަގަކީ 250000 ޑޮލަރެވެ.

ޓައިޓޭން އަކީ އެމެރިކާގެ އަމިއްލަ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޯޝަންގޭޓް އެކްސްޕެޑިޝަންސް އިން، ޓައިޓޭނިކް ކައިރިއަށް ފީނުމަށް ޚާއްސަކޮށްގެން ދުއްވާ ސަބްމެރިން އެކެވެ. ކާބަން ފައިބަރާއި ޓައިޓޭނިއަމް ބޭނުންކޮށްގެން ބަނދެފައިވާ، ބަރުދަނުގައި 10.5 ޓަނު ހުންނަ މި އުޅަނދަކީ ފަސް މީހުންނާ އެކު، ކަނޑުގެ 4000 މީޓަރު (13123 ފޫޓު) ފުނަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.