ދުނިޔެ

ސަބްމެރިން ގެއްލުނު ހިސާބުން އަޑުތަކެއް އިވިގެން ބަލަނީ

22 ޖޫން 2023 - 13:06

ހަވާއީ (ޖޫން 22) - އެޓްލާންޓިކް ކަނޑުގެ އުތުރު ސަރަހައްދަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ބަލައިލުމަށް ފަސް މީހުންނާ އެކު އެ ސަރަހައްދަށް ފީނަނިކޮށް ގެއްލިފައިވާ ސަބްމެރިން، ހޯދުމުގެ މަސައްކަތުގައި އުޅޭ ޓީމުތަކަށް، އެ ސަރަހައްދުގެ ކަނޑު އަޑިން އަޑުތަކެއް އިވިގެން އިތުރަށް ދިރާސާ ކުރަން ފަށައިފި އެވެ.

ޓައިޓޭން ނަމަކަށް ކިޔާ މި ސަބްމެރިން ކަނޑު އަޑިއަށް ގެއްލުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ޓައިޓޭން އާއި ފެންމަތީގައި އޮންނަ އޭގެ މައި އުޅަނދު ޕޯލާ ޕްރިންސްއާ ދެމެދު މުވާސަލާތީ ގުޅުން ކެނޑުނީ، ޓައިޓޭނިކް ބަލައިލުމަށް ބައިވެރިވި ފަސް މީހުން ގޮވައިގެން އެ ސަރަހައްދަށް ފީނަން ފެށިތާ އެއް ގަޑިއިރާއި 45 މިނެޓް ފަހުންނެވެ.

މައި އުޅަނދާ ގުޅުން ކެނޑުނީ ކީއްވެގެން ކަމެއް، އަދި ގުޅުން ކެނޑުނު އިރު ޓައިޓޭން އޮތީ ޓައިޓޭނިކްއާ ކިހާ ދުރުމިނެއްގައި ކަމެއް އަދި ކަނޑުގެ ކިހާ ފުނެއްގައި ކަމެއް ވެސް ނޭނގޭ ކަމަށް، ޕޯލާ ޕްރިންސްގެ ކެޕްޓަން ބުނެ އެވެ.

އެމެރިކާގެ ކޯސްޓް ގާޑުން ބުނި ގޮތުގައި ޓައިޓޭން ގެއްލުނު ކަމަށް ލަފާ ކުރެވޭ ސަރަހައްދުގެ ކަނޑު އަޑިން ގޮތް ނޭނގޭ އަޑުތަކެއް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ، އެ ސަބްމެރިން ހޯދުމަށް އެ ސަރަހައްދުގައި އުދުހެމުން ދިޔަ ކެނެޑާގެ މަތިންދާބޯޓެއްގައި ހުރި އާލާތްތަކަށެވެ. މިދިޔަ އަންގާރަ ދުވަހު އެ އަޑުތައް ފާހަގަކުރެވިގެން އިތުރަށް އެ ސަރަހައްދު ބަލަމުން ދަނިކޮށް، ބުދަ ދުވަހު ވެސް ހަމަ އެ ސަރަހައްދުގެ ކަނޑު އަޑިން އެޒާތުގެ އަޑުތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ.

އެއީ ކަނޑު އަޑިން އާންމުކޮށް ނުއިވޭ އަޑުތަކެއް ކަމަށްވާތީ، އެ އަޑުތަކުގެ ހަގީގަތް ދެނެގަތުމަށް އިތުރު ސައެންޓިފިކް އާލާތްތައް މިހާރު އެ ސަރަހައްދަށް ފޮނުވައިފި ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ބުނެ އެވެ. އަދި އެ އާލާތްތައް ބޭނުންކޮށްގެން، މިހާރު މަސައްކަތް ކުރަމުން އަންނަނީ، އެ އަޑުތައް އިވުނު ސީދާ ސަރަހައްދެއް ދެނެގަތުމަށެވެ.

އެމެރިކާގެ ކޯސްޓް ގާޑްގެ އޮފިޝަލުން ބުނާ ގޮތުގައި އެ ސަބްމެރިންގައި 70 ގަޑިއިރާއި 90 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭ ވަރަށް އޮކްސިޖަން ހުންނާނެ އެވެ. އެހެންކަމުން، އެ އުޅަނދުގައި ތިބި މީހުން ދިރިތިއްބައި ސަލާމަތް ކުރުމުގެ ވަގުތު އޮތީ އަންނަ ހުކުރު ދުވަހުގެ ހެނދުނާ ހަމައަށެވެ. ނަމަވެސް އުޅަނދުގައި ތިބި މީހުންގެ ހާސްކަމާއި ކަންބޮޑުވުން އިތުރު، އުޅަނދު ތެރޭގައި ހަރަކާތްތެރިވުން އިތުރުވާ ނަމަ، އެއަށް ވުރެ އަވަހަށް އޮކްސިޖަން ހުސްވާނެ އެވެ.

ޓައިޓޭން ގެއްލުނު ހިސާބެއް އަދި އެ އުޅަނދު އޮތް ފުންމިނެއް ނޭނގުމަކީ، މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އޮތް ސަރަހައްދު އެނގުނު ނަމަވެސް، ޓައިޓޭނިކް ފެންނަ ހިސާބު ފުނުގައި އޮތް ނަމަ، އެ ހިސާބަށް ގޮސް އެ އުޅަނދު ސަލާމަތް ކުރުމަކީ ވަކިން ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.

މީގެ ކުރިން ކަނޑުގެ އެންމެ ފުނުން ސަލާމަތް ކޮށްފައިވަނީ، 1973 ވަނަ އަހަރު ކަނޑުގެ 1575 ފޫޓު ފުނުގައި ކުޑަ ސަބްމެރިންއެއްގެ ތެރޭގައި ތާށިވެފައި ތިބި ދެ މީހެކެވެ. އެ ދެ މީހުން ސަލާމަތް ކުރެވުނީ އޭގެ ތެރޭގައި ތާށިވެފައި ތިބޭތާ 76 ގަޑިއިރު ފަހުންނެވެ.

ނަމަވެސް ޓައިޓޭނިކް އޮތީ އެއަށް ވުރެ މާ ފުނުގައި، ކަނޑުގެ މަތީ ފަށަލައިން ފެށިގެން 13000 ފޫޓު އަޑީގަ އެވެ. ގެއްލުނު ސަބްމެރިން ވެސް އެހާ ފުނަށް ވެއްޓިފައިވާ ނަމަ، އެ ނެގުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އޭގެ އިތުރުން، އެ ސަބްމެރިން ގެއްލުނު ކަމަށް ލަފާކުރެވޭ ސަރަހައްދު، އައްސޭރިފަށާ ދުރުވެފައި، އެ ސަރަހައްދުގެ ކަނޑު ގަދަވުމަކީ ވެސް އިތުރު އުނދަގޫތަކެކެވެ.

ޓައިޓޭނިކް ބަލައިލުމަށް ޓައިޓޭން ކުރި މި ދަތުރުގައި ބައިވެރިވި ފަސް މީހުންގެ ތެރޭގައި، ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝަހްޒާދާ ދާވޫދާއި އޭނާގެ ފިރިހެން ދަރި ސުލައިމާން ދާވޫދުވެސް ހިމެނެ އެވެ. އެ ދެ މީހުންގެ އިތުރުން އޯޝަންގޭޓް އެކްސްޕެޑިޝަންސްގެ ވެރިޔާ ސްޓޮކްޓަން ރަޝް އާއި ފަރަންސޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ޕޯލް ހެންރީ އާއި އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ހެމިޝް ހާޑިންގް ވެސް ޓައިޓޭންގައި ވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެ އުޅަނދުގެ މައުލޫމާތު އެނގޭ މީހުން ބުނި ގޮތުގައި ޓައިޓޭންގައި ދަތުރުކުރާ މީހުން ތިބޭނީ އެ އުޅަނދުގެ ކެޕްސޫލެއްގެ ގޮތަށް އޮންނަ ބައިގަ އެވެ. މީހުން އެ ތަނަށް ވަނުމުން ދޮރު ލައްޕައި ތަޅުލާފައި ހުންނަނީ ވަރުގަދަ އަށް ބާރުކޮށްފައި ހުންނަ ހަތް ބޯލްޓުންނެވެ. އެތެރެއަށް ވަދެ ތިބޭ ބަޔަކަށް އެ ސަބްމެރިނުން ނުކުމެވޭނީ ބޭރުގައި ތިބި ބަޔަކު އެ ބޯލްޓްތައް ނައްޓުވައި ދޮރު ހުޅުވައިދިނިއްޔާ އެވެ.

އެހެންކަމުން ކަނޑު އަޑީގައި ތާށިވިޔަސް، ނުވަތަ ކަނޑު އަޑީގައި އޮއްވާ އެތެރެއަށް ލޮނު އެޅެން ފެށިޔަސް، އެތެރޭގައި ތިބި ބަޔަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. އަދި އެއިން ނުކުމެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ. ޓައިޓޭންގައި ކުރާ އަށް ދުވަހުގެ ދަތުރަކަށް އެކަކުގެ ޓިކެޓްގެ އަގަކީ 250000 ޑޮލަރެވެ.

ޓައިޓޭން އަކީ އެމެރިކާގެ އަމިއްލަ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޯޝަންގޭޓް އެކްސްޕެޑިޝަންސް އިން، ޓައިޓޭނިކް ކައިރިއަށް ފީނުމަށް ޚާއްސަކޮށްގެން ދުއްވާ ސަބްމެރިން އެކެވެ. ކާބަން ފައިބަރާއި ޓައިޓޭނިއަމް ބޭނުންކޮށްގެން ބަނދެފައިވާ، ބަރުދަނުގައި 10.5 ޓަނު ހުންނަ މި އުޅަނދަކީ ފަސް މީހުންނާ އެކު، ކަނޑުގެ 4000 މީޓަރު (13123 ފޫޓު) ފުނަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

0 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 78%
icon angry icon angry 13%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454