އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެރިކަން ފަސޭހައިން ލިބޭ ގޮތަށް ހެދި ގާނޫނަށް އެ ގައުމުގައި އަމަލުކުރަން ފަށައިފި އެވެ.
މި ގާނޫނު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި ނަމަވެސް އެއާ ދެކޮޅަށް މުޒާހަރާކޮށް އުފެދުނު ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ ފާޑުކިޔުންތައް ބޮޑުވުމުން އޮތީ ގާނޫނަށް އަމަލުކުރަން ނުފަށަ އެވެ. އެކަމަކު މިހާރު ގާނޫން ތަންފީޒުކުރަން ފަށާފައިވާ ކަމަށް ބުނެފައި މި ވަނީ އާންމު އިންތިހާބު އޭޕްރީލް/މެއި ގައި ބާއްވާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ.
އެ ގާނޫނުގައި، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ޕާކިސްތާނާއި އަފްޣާނިސްތާނާއި ބަންގްލަދޭޝް އިން އިންޑިއާއަށް ވަދެފައިވާ ހިންދޫންނާއި ޕާސީންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖޭއިންސް އަދި ކްރިސްޓިއަނުންނަށް އިންޑިއާގެ ރަށްވެހިކަން ލިބެ އެވެ. އެކަމަކު އެއީ މުސްލިމެއް ކަމަށްވާ ނަމަ ރަށްވެހިކަމެއް ނުލިބޭނެ އެވެ.
އިންޑިއާގެ އިންޓީރިއާ މިނިސްޓްރީން ހޯމަ ދުވަހު ބުނީ މިހާރު އެ ގާނޫނަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
"އެހެންވެ، ރަށްވެހިކަމުގެ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން އިންޑިއާގެ ރަށްވެހިކަމަށް ޝަރުތު ހަމަވާ މީހުންނަށް މިހާރު އެކަމަށް އެދި ހުށަހެޅޭނެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އިންޑިއާގެ 1.4 ބިލިއަންގެ އާބާދީގައި ހިމެނޭ 200 މިލިއަން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ މުސްލިމުންނާ ދެކޮޅަށް އެޅި ފިޔަވަޅެެކެވެ. އަދި މިކަމުގެ ސަަބަބުން އެތައް މުސްލިމުންނެއް "ސްޓޭޓްލެސް" ނުވަތަ ގައުމަކަށް ނިސްބަތްނުވާ މީހުންނަށްވެ ނިކަމެތިވާނެ އެވެ.
އިންޑިއާގެ ވަރަށް ގިނަ ފަގީރުންނަކީ ރަށްވެހިކަން ސާބިތުކޮށްދިނުމަށް ބޭނުންވާ ލިޔެކިޔުން ވެސް ނެތް މީހުންނެވެ.
އެކަމަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ މިއީ މުސްލިމުންނާ ދެކޮޅަށް ކުރި ކަމެއް ނޫން ކަމަށާއި ގާނޫނަށް ގެނައި އިސްލާހުގައި މުސްލިމުން ހިމަނަފާއި ނެތީ، އިންޑިއާގެ ހިމާޔަތް މުސްލިމުންނަށް ވަކިން ދޭންޖެހޭ ހާލަތެއް ނެތުމުން ކަމަށެވެ. -- އޭއެފްޕީ