އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދް: އޭނާ މިފަހަރު ވެސް ރިޔާސީ އިންތިހާބަށް ވަނީ ނަން ހުށަޙަޅުއްވާފައި.
03 ޖޫން 2024 - 06:36
އީރާންގައި މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެ ގައުމުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދު އިއްޔެ ނަން ހުށަހަޅުއްވައިފި އެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު، ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން މި މަހުގެ 28 ގައި ބާއްވާ އިންތިހާބަށް ނަން ހުށަހެޅުއްވި އަހްމަދީނިޖާދު، 67، ވަނީ 2005 އިން 2013 އަށް ޖެހިޖެހިގެން ދެ ދައުރު ވެރިކަން ކުރައްވައިފަ އެވެ.
އަހްމަދީނިޖާދަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއެރުވުމުގައި ހުޅަނގުގެ އިންޒާރުތަކަށް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވި، ހުޅަނގުގެ ގައުމުތަކުގެ ނުރުހުން ބޮޑު ލީޑަރެކެވެ. އަދި އޭނާ އަކީ އިޒްރޭލާ ދެކޮޅަށް ވެސް ފާޅުގައި އިންޒާރު ދެއްވުމުގައި މަޝްހޫރު ބޭފުޅެކެވެ.
އަހްމަދީނިޖާދު ނަން ހުށަހެޅުއްވި ނަމަވެސް އެހެން ކެންޑިޑޭޓުންނެކޭ އެއްގޮތަށް އޭނާގެ ނަން ވެސް އިންތިހާބާ ހަމަޔަށް ދާނީ 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ ކައުންސިލަކުން ނަން ފާސްވެއްޖެ ނަމަ އެވެ.
މީގެ ކުރިން 2021 އަދި 2017 ވަނީ ރިޔާސީ އިންތިހާބަށް އަހްމަދީނިޖާދު ޝަރުތު ހަމަނުވާ ކަމަށް ނިންމައި ޑިސްކޮލިފައިކޮށްފަ އެވެ.
"ގައުމުގައި ހުރި ހުރިހާ މައްސަލައެއް ވެސް ގައުމުގެ ހަގީގީ ގާބިލްކަން ބޭނުންކޮށްގެން ހައްލުކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އިންތިހާބުގައި ވާދަކުރެއްވުމަށް އިންޓީރިއާ މިނިސްޓްރީއަށް ނަން ހުށަހެޅުއްވުމަށް ފަހު އަހްމަދީނިޖާދު ވިދާޅުވި އެވެ.
ކެންޑިޑޭޓުންގެ ނަންތައް ދިރާސާކުރުމަށް ފަހު މި މަހު 11 ގައި ފައިނަލް ލިސްޓު ނެރެން ވަނީ ނިންމައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނިސް
03 June 2024
އަހްމަދުގެ ނަން ތިލިސްޓުގަ ނޯންނާނެ ތާ!