ކިމް މަރާލީ އަންހެން މީހާ އަށް 90 ޑޮލަރު ދީގެން

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 26) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން- ނަމް މަރާލީ އޭނާ ލައްވާ އެކަން ކުރުވަން ބަޔަކު 400 ރިންގިޓް (90 ޑޮލަރު) ދީގެން ކަމަށް ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑޮނީޝއާގެ އަންހެން މީހާ ބުނެފި އެވެ.


އިންޑޮނީޝިއާ އެމްބަސީ އޮފިޝަލަކު ވަނީ ކިމް މަރާލި ކަމުގެ ތުހުމަތުގައި ބަންދުގައި މިހާރު ހުރި ސިތީ އައިސިޔާ، 25، އާ އިއްޔެ ބައްދަލުކޮށްފަ އެވެ. އައިސިޔާ ބުނީ ކިމްގެ މޫނުގައި މަޖަލަކަށް އުނގުޅަން އޭނާ އަތަށް ދިނީ "ކުޑަ ކުދިންލާ ތެޔޮ" ކަމަށާއި އެކަން ކުރާ މަތިން ބަޔަކު އޭނާ އަށް ފައިސާ ދިން ކަމަށެވެ. އަދި އޭނާ އަށް ފައިސާ ދިނީ ޖަޕާން ނުވަތަ ކޮރެއާ މީހުންނާ ވައްތަރު ގޮތަށް ތިބި ބައެއް ކަމަށް ވެސް ބުންޏެވެ.

ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެ މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ.

އިންޑޮނީޝިއާގެ ޑިޕިއުޓީ އެމްބަސެޑާ އެންޑްރިއާނޯ އެރްވިން އިއްޔެ ވަނީ އައިސިޔާއާ 30 މިނިޓަށް ބަންދުކޮށްފަ އެވެ.

"އޭނާ ބުނަނީ އެކަން ކުރަން ބަޔަކު ފައިސާ ދިން ކަމަށް. އަދި ބޭބީ އޮއިލް ކަހަލަ އެއްޗެއް ދިން ކަމަށް ވެސް ބުނި،" ސަފީރުގެ ނައިބް ވިދާޅުވި އެވެ. "ކެމިކަލްގެ ސަބަބުން އޭނާ އަށް އެއްވެސް އަސަރެއްކޮށްފައިވާ ކަމުގެ ނިޝާނެއް ބޭރު ފުށުން ފެންނާކަށް ނެތް."

ޓެސްޓްތަކުން ދައްކާފައި ވަނީ ކިމްގެ މޫނުގައި އުނގުޅާފައި ވަނީ ވަރަށް ނުރައްކާތެރި ވިހަ ބާވަތެއް ކަމަށްވާ ވީއެކްސް ނާވް ގޭހެވެ.

ކިމް މަރާލުމަށް ފަހަތުން ގޮސް މޫނުގައި ފޮތިގަނޑު އަޅަނީ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ކިމް ހިނގާފައި ދަނިކޮށް ފަހަތުން އަންހެނަކު ގޮސް އޭނާގެ މޫނުގައި ފޮތިގަނޑެއް އަޅަ އެވެ. އަދި ފަހުން އޭނާ ގޮސް އެއާޕޯޓް އޮފިޝަލުންނަށް ޝަކުވާ ކުރެ އެވެ. އޭގެ ފަހުން އެއާޕޯޓުގެ ކްލިނިކުގައި ކިމް އަށް ފަރުވާ ދެ އެވެ. ކިމް މަރުވީ އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ.

ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ކަމަށް ވަރަށް ބޮޑަށް ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު އެ ގައުމުން އެކަން ދޮގު ކުރެ އެވެ. ކިމްގެ މަރުގެ ތުހުމަތުގައި ވަނީ ވިއެޓްނާމް އަންހެނަކާއި ނޯތު ކޮރެއާ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ދަނީ އަދި އިތުރު ހަތް މީހަކު ހޯދަމުންނެވެ. ކިމްގެ މަރުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކޮށްފައިވާ ނޯތު ކޮރެއާގެ ހަތަރު މީހަކު މެލޭޝިއާ އިން ފުރާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ މީހުން ފުރީ ކިމް މަރާލި ދުވަހު އެވެ.