ދީނީ އިލްމުވެރިޔާ ތާރިގު ރަމަޟާންގެ މައްޗަށް ސާބިތުވާ ކަމަށް މިދިޔަ އަހަރު ނިންމި ރޭޕްގެ ކުށުގެ ހުކުމް ސްވިޓްޒަލޭންޑްގެ އިސްތިއުނާފް ކޯޓުން ދަމަހައްޓައި ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ކުރީގެ ޕްރޮފެސަރެއް ކަމަށް އުމުރުން 62 އަހަރުގެ ރަމަޟާންގެ މައްޗަށް މިދިޔަ އަހަރު ސާބިތުވާ ކަމަށް ނިންމާފައި އޮތީ މީގެ 16 އަހަރު ކުރިން ޖެނީވާގެ ހޮޓަލެއްގައި އަންހެނަކު ރޭޕްކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށެވެ.
ހުކުމް ދެމެހެއްޓުމަށް ފަހު ކޯޓުން އިއްޔެ ވަނީ ރަމަޟާން ތިން އަހަރަށް ޖަލަށް ލާން ހުކުމްކުރުމާ އެކު އެ ހުކުމުން ދެ އަހަރު ސަސްޕެންޑްކޮށްފަ އެވެ.
ޔޫރަޕްގައި އިސްލާމް ދީނަށް ގޮވާލުމުގައި އިސްދައުރެއް އަދާކުރެއްވި، މީހުންނާ ގުޅޭ އެކަމަކު މައްސަލަތައް ގިނަ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ރަމަޟާންގެ ވަކީލުން ވިދާޅުވީ މި ހުކުމް ސްވިޓްޒަލެންޑުގެ އެންމެ މަތީ ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ.
"މި މައްސަލައިގައި ގޮތެއް ކަނޑައަޅާނީ ފެޑެރަލް ކޯޓުން. އެއީ ތުހުމަތުވާ މީހާގެ ކުށެއް ނެތް ސާބިތުކޮށްދިނުމާއި އިންސާފު ގާއިމުކުރުމަށް މުހިންމު ކަމެއް،" ރަމަޟާންގެ ވަކީލް ޔައެލް ހަޔާތާއި ގުއެރިކް ކެނޮނިކާ އޭއެފްޕީއަށް ވިދާޅުވި އެވެ.
ރަމަޟާންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ދައުވާކުރި އެކަކު ރަމަޟާން ހުންނެވި ހޮޓަލުގެ ކޮޓަރިއަށް ގެންގޮސް ރޭޕްކުރީ ކަމަށް ބުންޏަސް އެއީ އަމިއްލައަށް ބޭނުންވެގެން ކޮޓަރިއަށް އައި މީހެއް ކަމަށެވެ. އަދި ގައިގޯޅިވާން ފެށީ އަންހެން މީހާ ކަމަށާއި މިއީ ލަނޑެއް ދިނުމަށް ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ވެސް ބުންޏެވެ.
ދައުވާކުރި އިރު އުމުރުން ސާޅީހަކަށް އަހަރުގެ މީހާ ބުނީ އޭނާ ރޭޕްކުރި ހާދިސާ ހިނގީ މީގެ 10 އަހަރު ކުރިން ކަމަށެވެ. މައްސަލަ ހުށަހަޅަން ހިތްވަރު ލިބުނީ ހަމަ މިފަދަ ކޭސްތައް ފްރާންސްގައި ވެސް ރަމަޟާންއާ ދެކޮޅަށް ހުށަހަޅައި ތަހުގީގު ކުރަން ފެށުމުން ކަމަށް ވެސް ބުންޏެވެ.