އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) އާއި އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް، ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ފަހު މި މަހު އޯވަލް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
26 ނޮވެމްބަރ 2024 - 06:50
އަންނަ ޖެނުއަރީ މަހު ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައިސް ކަމުގެ މަގާމާ ދެ ވަނަ ފަހަރަށް ހަވާލުވެ ވަޑައިގެން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިހާރުގެ ރައީސް ޖޯ ބައިޑަން ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ބައިޑެން 2021 ވަނަ އަހަރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އޭރުގެ ރައީސް ޓްރަމްޕް ދެކޮޅު ހެއްދެވި އެވެ. ޓްރަމްޕް އެގޮތަށް އޭރު ނިންމެވީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ދެއްކި ސާބިތު ނުފިހޭ ވާހަކަތަކަށް ފަހުގަ އެވެ. އަދި އެ ވާހަކަތަކާ އެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެގަނެ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިންގި އެވެ.
"ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބުކުރެއްވި ކަމުގައި ވިޔަސް، ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ބައިޑެން އޮތީ ވައުދުވެވަޑައިގެންފައި،" އެއާފޯސް ވަންގައި ބައިޑަންއާ އެކު ދަތުރު ކުރައްވަމުން ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އެންޑްރޫ ބޭޓްސް ނޫސްވެރިންނަށް ވިދާޅުވި އެވެ.
"އެ ވައުދާ އެއްގޮތަށް، އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ."
"ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށްދާނީ ޑިމޮކްރަޓިކް ހަމަތައް ހިފަހައްޓައި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށްގެން ކަމަށް ރައީސް ގަބޫލުކުރައްވާ،" ބޭޓްސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި، ޓްރަމްޕަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބައިޑެން ތަކުރާރުކޮށް ސިފަކުރެއްވި ނަމަވެސް، ބައިޑެން ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައިޑެންގެ ނައިބު ކަމަލާ ހެރިސްއާ ވާދަކުރައްވައި ޓްރަމްޕް ހޯއްދެވި ކާމިޔާބީއަށް ފަހު ބައިޑެން ވަނީ ޓްރަމްޕަށް ދައުވަތު ދެއްވައި އޮފީހަށް ގެންދަވައިފަ އެވެ.
އުމުރުން 82 އަހަރުގެ ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ނަމަވެސް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އާއި ލަދަށް ފަހު ޖުލައި މަހު ރިޔާސީ ރޭހުން ވަކިވެވަޑައިގަތީ އެވެ. ބައިޑެން އެގޮތަށް ނިންމަވައި ކަމަލާ އަށް ތާއީދުކުރައްވަން ނިންމެވީ އޭނާގެ ދޮށީ އުމުރާއި ނަފްސާނީ ސިއްހަތާ މެދު ޑިމޮކްރެޓުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާ އެކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކް
26 November 2024
މަށަށް ޔަގީން ތިޔަ ބައިޑަން މިފަހަރު ވޯޓު ދިނީ ޓުރަމްޕަށް ލޮލޮލޮލް. ކޮންމެ ވައުދެއް ވިޔަސް.
ބުުޅާ
26 November 2024
ބައިޑަން ތަފާތުވާނެ.
ޖާގަ
26 November 2024
ކަމްލާ ދާނެތަ؟