ދިމިޝްގުގައި ބޮމުގެ ހަމަލާ ދިނީ ފަތުހުއް ޝާމް ޖަމާއަތުން

ދިމިޝްގު (މާޗް 13) - ސިރީއާގެ ވެރިރަށް ދިމިޝްގުގައި ބޮމުގެ ހަމަލާދީ 74 މީހުން މަރާލި ހާދިސާގެ ޒިންމާ އަލްގައިދާއާ ކުރިން ގުޅުން އޮތް ފަތުހުއް އަލް ޝާމް ފްރަންޓުން އުފުލައިފި އެވެ.


"މިދިޔަ ހޮނިހިރު ދުވަހު ދިމިޝްގުގައި ބޮމުގެ ހަމަލާ ދިނީ މި ޖަމާއަތުގެ ދެ މުޖާހިދުން،" ފަތަހުއް ޝާމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ޖަމާއަތުގެ ބަޔާނުގައި އިތުރު ތަފްސީލު ނުދިން ނަމަވެސް ބުނެފައި ވަނީ ބޮމުގެ ހަމަލާ އަކީ އީރާނާއި އެ ގައުމާ ގުޅުން އޮންނަ ހަނގުރާމަވެރިންނަށް ދިން މެސެޖެއް ކަމަށެވެ. އީރާނާއި އެ ގައުމުގެ މަދަދު ލިބޭ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަކީ ސީރިއާ ސަރުކާރާ ގުޅުން އޮންނަ ބައެކެވެ.

ދިމިޝްގުގައި ދިން ބޮމުގެ ހަމަލާ ފޮރެންސިކް ޓީމުތަކުން ތަހުގީގު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ފަތުހުއް ޝާމަކީ ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އާމީ އޮފް ކޮންކުއެސްޓް ނުވަތަ ޖައިޝުލް ފަތުހު ކިޔާ ހަނގުރާމަވެރި ޖަމާއަތްތަކުން ގުޅިގެން އުފައްދާފައިވާ ކޯލީޝަނުގެ ބައެކެވެ. އަދި އެ ޖަމާއަތަކީ އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓް (ޖަބްހަތުއް ނުސްރާ) އެވެ. މި ޖަމާއަތާ ގުޅިގެން ސީރިއާގައި ދިވެހިން ވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ދިމިޝްގުގައި ދީނީ އަޅުކަމަށް ދިޔަ މީހުން ތިބި ބަހަކަށް އަމާޒުކޮށް ދިން ހަމަލާގައި އިރާގުގެ 43 މީހުން ވެސް މަރުވެފައިވާ ކަމަށެވެ. ހަމަލާ އަމާޒުކޮށްފައި ވަނީ ޝިއައީ ގްރޫޕަކަށެވެ.

ދިމިޝްގުގައި ޖެނުއަރީ މަހު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގެ ޒިންމާ ވެސް ވަނީ ފަތުހުއް ޝާމުން އުފުލައިފަ އެވެ. އެ ހަމަލާގައި ވަނީ 10 މީހުން މަރުވެފަ އެވެ.