އިންޑިއާގެ ސްކޫލެއްގެ ދަރިވަރުންތަކެއް: އެ ގައުމުގެ ފަގީރު ހިސާބެއްގައި ވަނީ ދަރިވަރުންނަށް ހަރުފަ ވިހަ ހުރި ކާނާއެއް ދިނުމުން ގިނަ އަދަދެއްގެ ކުދިން ބަލިވެފައި.
03 މެއި 2025 - 13:29
އިންޑިއާގެ ސްކޫލެއްގައި ދަރިވަރުންނަށް މެންދުރު ކާން ދިން އެއްޗެހީގެ ތެރޭގައި މަރުވެފައި އޮތް ހަރުފައެއް އޮތް މައްސަލައެއް ބަލަން ފަށައިފި އެވެ.
ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެންއެޗްއާރްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ މި ކާނާ ކައިގެން 100 އަށް ވުރެ ގިނަ ކުދިން ބަލިވި ކަމަށެވެ. އަދި ކާނާ ތައްޔާރުކުރި އިރު މަރުވެފައި އޮތް ހަރުފައެއް ކާނާގެ ތެރެއިން ފެނުނު ކަމަށާއި އެކަމަކު ކައްކާ މީހާ އެ ހަރުފަ ނެގުމަށް ފަހު ކުދިންނަށް ކާނާ ދިނީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި ހާދިސާ ހިނގީ އިންޑިއާގެ އެންމެ ފަގީރު އެއް ސްޓޭޓް ކަމަށްވާ ބިހާރުގެ މޮކާމާ ސިޓީގައި ސަރުކާރުން ހިންގާ ސްކޫލެއްގައި މިދިޔަ ހަފުތާގައި ކަމަށް ކޮމިޝަންގެ ބަޔާނުގައިވެ އެވެ. އެ ކޮމިޝަނުން ބުނީ ގިނަ އަދަދެއްގެ ކުދިން ބަލިވި މި ހާދިސާ ސަރުކާރުންނާއި ފުލުހުން ވެސް ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
މި ހާދިސާއަށް ފަހު ކުދިންގެ އާއިލާތަކުން ވަނީ ރުޅިވެރިކަމާ އެކު މުޒާހަރާ ވެސް ކޮށްފަ އެވެ.
ބިހާރުގެ ސަރަން ޑިސްޓްރިކްޓްގައި 2013 ވަނަ އަހަރު ޕެސްޓިސައިޑް އަޅާފައި ހުރި ކެއުމެއް ދިނުމުން 23 ދަރިވަރަކު މަރުވި ހާދިސާއެއް ވެސް ދިމާވި އެވެ. އެފަހަރު ސްކޫލްތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގެ ސަރުކާރު ސްކޫލްތަކުގައި އެތައް މިލިއަން ދަރިވަރުންނަކަށް، ތައުލީމު ހާސިލްކުރުމަށް ދޭ ހިތްވަރެއްގެ ގޮތުގައި ހިލޭ މެންދުރުގެ ކެއުން ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
03 May 2025
ތިކަންތައްވެސް ޕާކިސްތާނުގެ ބޮލުގައި އެޅުވޭތޯ ބަލާނެ ތިމީހުން.