މުމްބާއީގައި ދެމަފިރިއަކާއި އެ މީހުންގެ ދެ ދަރިން މިދިޔަ މަހު ފަހުކޮޅު، 12 ގަޑިއިރު ތެރޭ މަރުވި ހާދިސާގެ ސަބަބަކީ އެ މީހުން ކޭ ކަރާގައި، މީދާ މަރާ ޒަހަރު ހުރުން ކަމަށް ފޮރެންސިކް ތަހުލީލުތަކުން އެނގިއްޖެ އެވެ. 

އާއިލާގެ ބަޔަކާ އެކު ރޭގަނޑުގެ ކެއުމަކަށް ފަހު، ފަތިހު 5 ޖަހަން އުޅެނިކޮށް ކުއްލިއަކަށް ބޭރަށްހިންގަން ފަށައި ހޮޑުލެވި ހާލު ދެރަވަމުން ގޮސް މަރުވީ އުމުރުން 45 އަހަރުގެ އަބްދުﷲ ދޮކާޑިއާ އާއި އޭނާގެ އަންހެނުން 35 އަހަރުގެ ނަސްރީންގެ އިތުރުން، އެމީހުންގެ ދެ ކުދިން ކަމަށްވާ 13 އަހަރުގެ ޒައިނަބް އަދި 16 އަހަރުގެ އާއިޝާ އެވެ.

އެ މީހުން މުމްބާއީގައި އުޅޭ ގޭގައި ތިމާގެ ބަޔަކަށް ދިން ރޭގަނޑުގެ ކެއުމެއްގައި ކެއީ މަޓަން ޕުލާއޯ ކަމަށާއި އެކަމަކު އެ ގެޔަށް އައި އާއިލާގެ މީހުން ދިޔަ ފަހުން މެންދަމު 1:00 ހާއިރު ކަރާ ކޭ ކަމަށް ބުނެފައިވެ އެވެ. ގެއިން ކައިގެން ދިޔަ މީހުންނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ. 

މި މައްސަލަ ތަހުގީގުކުރި އިރު، މަރުވި މީހުންގެ ހަށިގަނޑުންނާއި އެ މީހުން ކޭ ކަރާ ސާމްޕަލްތަކުން، މީދާ މަރަން ބޭނުންކުރާ ވިހަ މާއްދާއެއްގެ އަސަރު ވަނީ ފެނިފަ އެވެ. މަރުވި މީހުންގެ އޮޓޯޕްސީ ހެދި އިރު އެ މީހުންގެ އެތެރެހަށީގެ ގުނަވަންތަކުގައި ފެހި ކުލައެއް ހުރިކަން ފާހަގަވި އެވެ. މިއީ އާންމުކޮށް ވިހަވުމުން ފެންނަ އަލާމާތެކެވެ.

ފޮރެންސިކް ޓެސްޓުތަކުން އެނގުނު ގޮތުގައި ދެމަފިރިންނާއި ދެ ދަރިން މަރުވީ، މީދާ މަރަން ބޭނުންކުރާ ނުރައްކާތެރި  ބޭހެއްގެ ސަބަބުންނެވެ. ޑޮކްޓަރުންނަށް ވަނީ، މީދާ މަރާ ބޭހުގައި ބޭނުންކުރާ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ "ޒިންކް ފޮސްފައިޓް" ގެ އަސަރު، މަރުވި މީހުންގެ ހަށިގަނޑުން ފެނިފަ އެވެ. އަދި ހަމަ އެ މާއްދާ ވަނީ، ކެއި ކަރާގެ ސާމްޕަލްތަކުން ވެސް ފެނިފަ އެވެ. 

ތަހުގީގުގައި މިހާރު ދަނީ އެ ކެމިކަލް މޭވާއަށް ވާސިލްވީ އެކްސިޑެންޓަކުންތޯ ނުވަތަ ގަސްތުގައި އޭގެ ތެރެއަށް އިންޖެކްޓުކޮށް އެޅުމުންތޯ ބަލަމުންނެވެ.