މުމްބާއީގެ ޕައިދޯނީ ސަރަހައްދުގައި ދެމަފިރިއަކާއި އެ މީހުންގެ ދެ ދަރިން ރޭގަނޑުގެ ކެއުމަކަށް ފަހު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ. 

މި ހާދިސާގައި މަރުވެފައިވަނީ އަބްދުﷲ އަބްދުލްގާދިރު، 40، އޭނާގެ އަނބިމީހާ ނަސްރީން، 35، އަދި އެ ދެމަފިރިންގެ ދެ އަންހެން ދަރިން ކަމަށްވާ އުމުރުން 16 އަހަރުގެ އައިޝާ އާއި 13 އަހަރުގެ ޒައިނަބެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ މި އާއިލާއިން ވަނީ ތިމާގެ ބަޔަކާ އެކު ރޭގަނޑު ބިރިޔާނީ ކައިފަ އެވެ. އެ ކެއުމުގައި ބައިވެރިވި ތިމާގެ މީހުން އެނބުރި ގެއަށް ދިޔަ ފަހުން، ދަންވަރު 1:00 ހާއިރު އާއިލާގެ ހަތަރު މެންބަރުން ކަރާ ކޭ ކަމަށް އެ މީހުން މަރުވުމުގެ ކުރިން ބުނެފައިވެ އެވެ. 

މި އާއިލާގެ މެންބަރުންގެ ހާލަތު ގޯސްވާން ފެށީ އެ ރޭ ފަތިހު އެވެ. ފަތިހު 5:30 ހާއިރު އާއިލާގެ ހަތަރު މީހުންނަށް އެއްފަހަރާ ހޮޑުލެވި، ބޮލަށް އެނބުރުން އަރައި، ބޭރަށްހިންގަން ފަށައި ހާލު ދެރަވާން ފެށި އެވެ.

އާއިލާގެ ޑޮކްޓަރަށް ދެއްކުމަށްފަހު، ހާލު އިތުރަށް ގޯސްވުމުން އެމީހުން ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް ނަމަވެސް އެއްވެސް ފަރުވާއަކުން އެދެވޭ އަސަރެއް ނުކޮށް 12 ގަޑިއިރުގެ ތެރޭގައި ހަތަރު މީހުން ވެސް ވަނީ މަރުވެފަ އެވެ. އެންމެ ފުރަތަމަ މަރުވީ ހަގު ދަރިފުޅު އައިޝާއެވެ. އޭގެ ފަހުން އަނެއް ތިން މީހުން ވަނީ މަރުވެފަ އެވެ.

މިއީ ކާނާ ވިހަވުމުގެ ހާދިސާއެއް ކަމަށް ފުލުހުންނަށް ބޮޑަށް ޝައްކު ކުރެވުނު ކަމުގައި ވިޔަސް މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ. އެ މީހުން ކޭ ކަރައިން ސާމްޕަލް ނަގާފައި ވާއިރު މަރުވި މީހުންގެ ޕޯސްޓް މޯޓަމް ގެންދަނީ ހަދަމުންނެވެ. 

އެރޭ ބިރިޔާނީ ކޭ އެ އާއިލާގެ އެހެން މީހުންނަށް  އެއްވެސް ސިއްހީ މައްސަލައެއް ދިމައެއް ނުވެ އެވެ. އެހެންވެ، މެހެމާނުން ނުކައި، ހަމައެކަނި މަރުވި އާއިލާއިން ކޭ ކަރަޔާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.  

ޑޮކްޓަރުން ލަފާކުރާ ގޮތުގައި ކަރާގައި މާ ގިނައިން ޕެސްޓިސައިޑް (ދަނޑުތަކުގައި ސޫފި މަރާ ބޭސް) ހުރެގެން ނުވަތަ އެހެން ކެމިކަލެއްގެ ސަބަބުން މިފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ އެވެ.