ފަލަސްތީނުގެ ޣައްޒާގައި، ކާބޯތަކެތި ބަހާ ތަނެއްގެ ކައިރީގައި ކުއްޖަކު އޭނާގެ ބައެއް ސާމާނާ އެކު މަޑުކޮށްލައިގެން: ހަމަލާތައް ވަރުގަދަވުމާ އެކު އާންމުން އަނެއްކާ ވަނީ އެކި ހިސާބުތަކަށް ދާން މަޖުބޫރުވެފައި. -- ފޮޓޯ: އޭއެފްޕީ
19 މެއި 2025 - 19:04
އިޒްރޭލުން މިހާރު ކުރަމުން ދަނީ މުޅި ޣައްޒާ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
އިޒްރޭލުން ޣައްޒާ ހިފާނެ ވާހަކަ ބުނެފައި މި ވަނީ އެ ސަރަހައްދަށް ކާނާ އާއި ބޭސް ފަދަ އަސާސީ އެއްވެސް އެއްޗެއް ވެއްދުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން ބައެއް ތަކެތި ވެއްދުމުގެ ހުއްދަ ދޭން ނިންމިކަން އިއުލާނުކުރުމަށް ފަހުގަ އެވެ. މިއަދު ވަނީ ފުރަތަމަ ހުއްދަ ދޭނީ ކުޑަކުދިންގެ ކާނާ އެތެރެކުރުމުގެ ހުއްދަ ކަމަށް ބުނެފަ އެވެ.
"ހަނގުރާމަ ވަރަށް ވަރުގަދަ، ކުރިއެރުން ތަކެއް ހޯދަމުން މިދަނީ. ޣައްޒާގެ ހުރިހާ ސަރަހައްދެއްގެ ކޮންޓްރޯލް ނަގާނަން،" ޓެލެގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުންޏެވެ.
އޭނާ ބުނީ އިޒްރޭލު ސިފައިން ފަސްނުޖެހޭނެ ކަމަށާއި ކުރިއަށްދާނީ ނުހުއްޓުވޭހާ ވަރުގަދަކޮށް ކަމަށެވެ.
ހަމަލާތައް ވަރުގަދަކުރުމުގެ އިންޒާރުތައް ދެމުން ދާއިރު އިޒްރޭލުން މިއަދު ވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގެ ޚާން ޔޫނިސް އިން އާންމުން ނުކުންނަން އަންގައިފަ އެވެ. އިޒްރޭލުން ބުނީ މި ސަރަހައްދުގައި މީގެ ކުރިން ނުދޭހާ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ހަމާސްއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ތައްޔާރީތައް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަަށާއި އެ އޮޕަރޭޝަންގައި އެއްގަމު މަގުން ޣައްޒާގެ އެކި ހިސާބުތަކަށް ވަންނަން ފަށާފައިވާކަން ވެސް އިޒްރޭލުން ވަނީ އިއުލާނުކޮށްފަ އެވެ. މިހާރު ކޮންމެ ދުވަހަކު ޣައްޒާއިން އެތައް ބަޔަކު ޝަހީދުކުރަމުން ދާއިރު މިއަދުގެ މިހާތަނަށް ވެސް 22 މީހަކު ވަނީ ޝަހީދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހާ1
20 May 2025
މި ހަމަ ޣައްޒާ ބޭނުންވެގެން މޮސާޑު އަޑީގަ އޮވެގެން ފެށި ގަތުލު އާންމެއް. ހަމާސްގެ ވެރިންނަކީ މޮސާޑު. ހީވޭތަ މޮސާޑަށް ނޭނގި ހަމާސްއަށް އެގޮތަށް ފުރަތަމަ ހަމަލާދެވިދާނެހެން. ހަމާސް ހިންގަނީ ނަތަންޔާހޫ ފަންޑުކޮށްގެން. މި ހަމަ ޣައްޒާ ބޭނުންވެގެން އެތަނަށް ވެރިވާން ވެގެން ހިންގާ ގަތުލުއާންމެއް.
މީހާގެ
19 May 2025
ފަލަސްތީނު ރަށްޔިތުންނަށް ކެތްތެރިކަން ދެއްވާށި އާމީން