އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާއަށް ޓީމެއް ފޮނުވަން ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
06 ޖުލައި 2025 - 06:00
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކަށް އަލުން ދިރުން ލިބިފައި ވާއިރު އިޒްރޭލުން ސީދާ ގޮތުގައި އެ މަޝްވަރާގައި ބައިވެރިވާން ނިންމައި، ގަތަރަށް ޓީމެއް ފޮނުވަން ނިންމައިފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިކަން އިއުލާނުކުރީ 21 މަސް ދުވަސްވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ނަތަންޔާހޫއަށް މިހާތަނަށް ކުރިމަތިނުވާ ވަރަށް މިހާރު ފިއްތުން ކުރިމަތިވަމުންދާ ކަމަށް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވަނިކޮށެވެ. އަދި މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް އެމެރިކާއަށް ފުރުމުގެ ކުރިން ނިންމި ނިންމުމެކެވެ.
މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރަށް ޓީމެއް ފޮނުވަން ނިންމިކަން އިއުލާނުކޮށް ނަތަންޔާހޫ ބުނީ އެންމެ ފަހުގެ ހުށަހެޅުމުގައިވާ ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ހަމާސް އިން އެދިފައިވާ ކަމަށާއި އެ ބަދަލުތައް އިޒްރޭލަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އޭނާ ބުނީ އެއީ ބަލައިގަނެވޭނެ ބަދަލުތަކެއް ނޫން ކަމަށެވެ.
"ހާލަތު މިހާރު އޮތް ގޮތަށް ބަލައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސީދާ ގޮތުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ދައުވަތު ގަބޫލުކުރަން ނިންމާފައި ..." ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން މިއަދު އިޒްރޭލުގެ ޓީމު ގަތަރަށް ދާނެ އެވެ.
ހަމާސް އިން ހުކުރު ދުވަހު ވަނީ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާ ވަގުތުން ފަށަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ 21 މަސް ދުވަސްވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އާ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. އަދި މިފަހަރު ނަތަންޔާހޫ ބައްދަލުކުރައްވާއިރު ކުރިއަށްވުރެ ހަރުކަށިވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ވާހަކަ ދައްކާއިރު އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަނީ ކުރިއަށްވުރެ ވެސް ވަރުގަދަކޮށްފަ އެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުކުރަމުން ދާއިރު އިއްޔެ ވެސް 70 އަށް ވުރެ ގިނަ މީހުން އެކި ހަމަލާތަކުގައި ޝަހީދުކޮށްލި ކަމަށް ވަނީ ބެލެވިފަ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 57،000 އިން މައްޗަށް އަރައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުން
06 July 2025
އެއްބައިވަންތަކަން ނެތުމުގެ ނަތީޖާ، ހަމާސްއަށް ފަލަސްތީނުގެ ވެރިކަން ހަވާލުކޮށް ރަނގަޅު ކިލިޓަރީއެއް އޮތްނަމަ، މިވަރެއް ފަލަސްޔީނަކަށް ނުވާނެ
ގަންބީނޯބޫ
06 July 2025
އެއުޅެނީ އިރާނުގައި ކުޅުނު ކުޅި ކުޅެން. އެންމެ އިސްކޮށް ތިބި ބަޔެއް ފާހަގަކޮށް، އެ މީހުނަށް ފާރަލައި، އެ ބަޔެއްގެ ދުވަސް ދުއްވާލެވޭތޯ ބަލަން
ލޮލްް
06 July 2025
މި ބޮޑާ ޖައްބާރު ކަލޭގެއަށް އިތުބާރުކުރާނީ މޮޔައެއް